ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީ، އާންމު ހާލަތަކަށް ދިއުމަށް ތައްޔާރުވަމުން ދާއިރު، ބަލި ފެތުރޭ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުނުވެ ތިބީ 470 މީހުންނެވެ. އިއްޔެ އާއި ހަމައަށް މި އަދަދު ހުރީ 444 ގައެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާކުރަމުންދާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ އިއްޔެ އިތުރު 39 މީހަކު ފައްސިވުމުންނެވެ. އިއްޔެ ރާއްޖެއިން ފައްސިވީ މީހުންގެ ތެރޭގައި 27 ދިވެއްސަކާއި ބަންގްލަދޭޝްގެ 7 މީހަކާއި އިންޑިއާ 5 މީހަކު ހިމެނެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުނުވެ ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި 40 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އިއްޔެ އާއި ހަމައަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔައީ 34 މީހަކަށެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ފަރުވާދެނީ އައިސީޔޫގައި ކަން ކުރިން އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

އިއްޔެ އިތުރު 37 މީހަކު ހިމެނޭހެން މިހާތަނަށް ރާއްޖެއިން ޖުމްލަ 2801 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 2302 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އިއްޔެ ރާއްޖެ އިން އިތުރު 12 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައި ވެއެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން 14 މީހަކު ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި އިއްޔެ ނިޔާވި އުމުރުން 79 އަހަރުގެ ދިވެހި އަންހެނަކު ހިމެނެއެވެ. މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ނުވަ ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 1670 ބިދޭސީއަކާއި 1131 ދިވެހިންނެވެ. ރާއްޖެއިން ޖުމްލަ 2273 ފިރިހެނަކާއި 516 އަންހެނަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު 47 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަންގައި ތިބީ 410 މީހެކެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 129 ދުވަސް ވެފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޖުމްލަ 63559 ސުންކު (ސާމްޕަލް) ނަގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަައީމް

    ފުރަބަންދު ތިޔަކުރަނީ އަމާ ބުނީތީ ފަރަށްދިޔަގޮތަށް ނަމެއް ހާސިލްކުރަން ނިހަމެތި ރައްޔިތުން އިތުރަށް ނިކަމެތިވަމުންދާމި ހާލަތުގައި އެއްވެސް ރޭވުންތެރިކަމެއް ނެތި ނަމެއްގާ ތިކަންކުރީމާ ހުރިހާ އުދަގުލަކާއި ތުރާލެއް މިޖެހެނީ ރާއްޖެތެރޭގެ ނިކަމެތިންނަށް ރަށައްނުދެވި ބަންދުވެ ހުރުމުގެ ސަބަބުން އަނބިދަރިން ހާލުގަޖެހި ދަރަނިވެރިވެއްޖެ ރަށައްދާނަމަ ހުސްގެއެއް ހޯދާފާ ކައުންސިލަށް އެބަދައްކަންޖެހޭ ކޮންމެ ތަނެއްކަމަކުވެސް ނުދޭ މީހަކު ކޮޓަރިއެއްދޭނެތޯ ހިލޭ ދެންމިޖެހެނީ ދޭނަމޭކިޔާފާ އެތަން ނަގަން ބޯހަލާކު މީހުން ދުނިޔެމަތިންވެސް ފޫހިކުރުވައިފި މީވާސަރުކާރެއް