މަސްތުވާތަކެއްޗާ އެކު ރިސޯޓަކުން ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އއ. ރަސްދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކީ ރިސޯޓަކުން އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައި ވަނީ ކޮން ރިސޯޓަކުން ކަން ފުލުހުން ހާމައެއް ނުކުރެއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުން ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އިއްޔެ ހިންގި އޮޕަރޭޝަންއެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާ ހައްޔަރު ކުރީ އެ ރިސޯޓުގެ ޖެޓީ މަތިން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު ބެލުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކުޑަ 15 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ރަސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު