ޖަލުތަކުގައި ހުންނަންވާ އެންމެ ދަށް މިންގަނޑުގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވާ "މަންޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުޖަމާކޮށް ނެރެވިގެން ދިއުމަކީ ޖަލުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން މިއަދު ވަނީ ޖަލުތަކުގައި ހުންނަންވާ އެންމެ ދަށް މިންގަނޑުގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވާ "މަންޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުޖަމާ ކުރުމަށްފަހު އެފޮތް ނެރެފައެވެ. އެ ފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.

ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މަންޑޭލާ ޑޭ" އާއި ދިމާކޮށް "މަންޑޭލާ ރޫލްސް" ދިވެހިބަހަށް ތަރުޖަމާކޮށް ޝާއިއު ކުރުމަކީ ޖަލުތަކަށް ގެންނަންވާ ހެޔޮ ބަދަލު ގެނައުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ގުޅިގެން އެ އުސޫލުތަކަށް ޖަލު އޮފިސަރުން އަހުލުވެރިކޮށް ތަމްރީން ކުރުމުގެ މަސައްކަތް ކުރިޔަށް އޮތްތަނުގައި ކުރިޔަށް ގެންދާނެ ކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ސަތޭކަ ބާވީސް ޤާޢިދާގެ މައްޗަށް އެކުލެވޭ "ދި ނެލްސަން މަންޑޭލާ ރޫލްސް" ގެ ދިވެހި ތަރުޖަމާގައި އަސާސީ މަބްދައުތަކާއި، ޤައިދީންގެ ފައިލްތައް ބަލަހައްޓާނެ ގޮތާއި، ޤައިދީން ގިންތިކުރާނެ ގޮތްތަކާއި، ގޮޅިތަކުގައި ޤައިދީން ބައިތިއްބަން ޖެހޭނެ ގޮތްވެސް ބަޔާންކޮށްފައިވެއެވެ.

ޖަލު ގޮޅިތައް ހުންނަންޖެހޭނެ ގޮތާއި، ސާފްތާހިރުކަން ދެމެހެއްޓުމަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވާހަކަވެސް މި ފޮތުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަންނައުނު ފޯރުކޮށްދިނުމާއި، ކެއިންބުއިން ފަދަ އަސާސީ ކަންކަން ފަހިވެފައި އޮންނަންވާނެ ގޮތްވެސް މި ފޮތުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ކަސްރަތާއި، ކުޅިވަރު ކުޅުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނަންވާނެ ގޮތާއި، ޞިއްޙީ ޚިދުމަތްތައް ލިބިދެވޭނެ ހަމަތައްވެސް ބަޔާންކޮށްފައިވާ މި ފޮތުގައި ގޮޅިތައް ބަލާ ފާސްކުރުމާއި، ޤައިދީންނާ މުޢާމަލާތްކުރުމުގެ ހަމަތައްވެސް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ޖަލު މުވައްޒަފުން އަމަލުތައް ބަހައްޓަންޖެހޭ ގޮތްތައްވެސް ވަނީ ބަޔާންކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙހހހ

    ޤަވައިދުތައްވެސް ފޮތްތައްވެސް ހެދިދާނެ އެކަމަކު ތަފާތުކުރުން ނައްތާލާނީ ކިހިނެއް ، ސަރުކާރަކުން ނޫނީ މަތީމަގާމުގައި ހުންނަ މީހަކު ކިތަން ބޮޑު ނުބާކަމެއް ކުރިޔަސް ، ވީ.އަިޕީ ރޫމްތަކުގައި ، އަދި އެއިރަކު އޮންނަ އިދިކޮޅު ބަޔަކު އެމީހެއްގެ ދިފާއުގައި އެއުޅެނީ ، އަދި އެމީހުން ސަލާމަތްކުރުމަށް ވަކީލުންތައްވެސް ހޭބޯނާރާ ،

  2. މުހުންމާ

    ބަލަ މިހިރަ ބީތާޔާ މިތަނަށް ބޭނުންވަނީ މަންޑޭލާ ރޫލްސް އެއްނޫނޭ. ކަލޭ ކިޔެވިއެއްޗެއްވެސް ހަނދާންނެތިއްޖެދޯ މަގާމް ލިބުނީމައި. ބަލަ މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް، މިތާގައި އޮންނާންޖެހެނީ ކީރިތި ގުރުއާނުގެ ރޫލްސް. ރަސޫލާ ގެ ސުންނަތުގެ ރޫލްސް. މިކަހަލަ މީހުންނާއި ހެދި ދީނީ އިލްމްވެރިންނަށްވެސް މީހުން މަލާމާތާއި ފުރައްސާރަކުރަނީ. ދެން މިކޮންމެޓްކިޔާފައި ހަރުކައްޓޭ މަޑުކައްޓޭ ކިޔާނީއެއްނޫން.