ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތްކުރި ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވަމުންދާތީ، އިދިކޮޅު ކޯލިޝަނުން އެ މިސްކިތުގެ މަސައްކަތް ތައް ކުރިއަށް ދާގޮތް ބަލާލުމަށް ބޭނުންވާތީ ހައުސިންގ މިނިސްޓަރަށް ސިޓީއެއް ފޮނުވައިފިއެވެ.

އެ މިސްކިތަކީ މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް ހަމަޖެހިފައި އޮތް މިސްކިތެކެވެ. އެ މިސްކިތް ހުޅުވުން ލަސްކޮށްފައިވަނީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ބަލި މަޑުކަމާއި ގުޅިގެންނެވެ. އެ މިސްކިތް ދެން ހުޅުވާނެ ތާރީހެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން މަސައްކަތް ފަށާ ގާތްގަޑަކަށް ނިމުމާ ހަމައަށް ގޮސްފައިވާ ޚާދިމުލް ޙަރަމައިން އަލްޝަރަފައިން މާލިކް ސަލްމާން ހަދިޔާ ކުރައްވާ ކިންގް ސަލްމާން މިސްކިތް ހުޅުވާ ބޭނުން ކުރުން ލަސްވަމުންދާތީ، ރައްޔިތުންގެ ފަރާތުން، އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުން ދާ ކަމަށެވެ.

"އެ ކަންބޮޑުވުންތަކާއި ގުޅިގެން، މިސްކިތުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ މިންވަރާއި، މިސްކިތުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބަލާލުމަށް މިކޯލިޝަނުން ބޭނުންވެއެވެ". އެ ސިޓީގައި ވެއެވެ.

އެހެންވެ އެ ކޯލިޝަންގެ 20 ބޭފުޅަކަށް މިސްކިތަށް ޒިޔާރަތްކޮށް، މިސްކިތުގެ މަސައްކަތްތައް ހިންގަމުންދާ ގޮތް ބަލާލުމުގެ އިންތިޒާމު
ހަމަޖައްސަވައިދިނުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

މީގެ ކުރިން އިދިކޮޅު ކޯލިޝަންގެ ފަރާތުން ވަނީ ރައީސް ޔާމީން ސަރުކާރުގައި ހުޅުމާލެ ފޭސް2ގައި އަޅަން ފެށި ހިޔާ މަޝްރޫއުގެ ފްލެޓްތައްވެސް ބަލަން ބޭނުންވެގެން ސިޓީއެއް ފޮނުވާފައެވެ. އަދި އެކަން އެބޭފުޅުންނަށް ހަމަޖައްސައިދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމްޑީޕީ

    ނަޝީދު އެރާވަނީ ތި މިސްކިތް ފައްޅިއަކަށް ބަދަލުކުރަން، 2023 ގައި ތި މިސްކިތުގައި ފައްޅި އަޅާއިގެން އަޅުކަން ކުރާެ ބަޔަކު ރާއްޖެގެނައުމުގެ މަސައްކަތް ނަޝީދު ކުރަމުން ދަނީ. އޭގެ ތެރެއިން އެއްކަމެއް އެއީ ރެސިޑެންޓް ވިސާ ދިނުން.

  2. ކީކޭ ބުނާނީ

    ކީއްކުރަން ބަލަނީ ؟
    ދީނަށް ފުރައްސާރަ ކުރާ މީހުން ހިތުހުރި ގޮތަކަށް ދޫކޮށްލާފައި ތިބޭ ތިބުން ޖަވާބަކަށް ފުދޭނެ.

  3. މަނިކު

    ގައުމުގެ ހުރިހާބާރެއް އޮތީ ލާދީނީފިކުރާއެކު ވީއިރު އާރެއްބާރެއް ނެއްބަޔަކަށް ކރެވޭނީ ކޮންކަމެއް ލާދީނީ ބާއިގަނޑު ކުރާނެކަމެއް ކުރަން ހަދާގޮތެއް ހަދަންދެން ޤައުމުގެ ހުރިހާބާރުތަކެއް މިތިބެނީ ބަލަން އެހެންތާވާނީ ލާދީނިއްޔަތު ބޭނުންވާމީހުން ގިނަވީމާ