މިދިޔަ މަސް ތެރޭގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރަށްރަށަށް 28،124 ބަސްތާގެ ކާޑު ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ މިދިޔަ މަހުގެ ރަށްރަށުން 398 އޯޑަރު ލިބިފައިވާ ކަމަށެވެ. އެ އޯޑަރުތަކަށް 11،559 ބަސްތާ ހަނޑުލާއި 3،543 ބަސްތާ ހަކުރާއި 13،022 ބަސްތާ ފުށް ރަށްރަށަށް ފޮނުވާފައިވާ ކަމަށެވެ.

މީގެއިތުރުން މާލެ ސަރަހައްދަށް 2،034 އޯޑަރު ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި މާލެ ސަރަހައްދަށް ލިބުނު އޯޑަރުތަކުގެ ތެރޭގައި ހިމެނެނީ 21،542 ބަސްތާ ހަނޑުލާއި 4،574 ބަސްތާ ހަކުރާއި 14،007 ބަސްތާ ފުށް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވާނެ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ މުހިންމު ބާވަތްތައް ފޯރުކޮށްދިނުމަށް އެސްޓީއޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ވައިރަސް ފެތުރެމުން ދިޔަ ކަމުގައި ވީނަަމަވެސް ރާއްޖެއިން ކާބޯތަކެއްޗަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. މީގެކުރިން ބައެއް ފަރާތްތަކުން ވަނީ ރާއްޖެ ލޮކްޑައުންކޮށް ގެއިން ބޭރަށް ނިކުތުން މަނާ ކޮށްފާނެ ކަމަށް ގިނަ އަދަދެއްގެ ކާޑުގެ ބާވަތްތައް ގަނެ ރައްކާ ކޮށްފައެވެ. އެކަމުގެ ސަބަބުން ފިހާރަތަކުން ކާޑު ލިބުމަށް ކޮންމެވެސް ވަރެއްގެ ދަތިކަމެއް އާއްމު ރައްޔިތުންނަށް ކުރިމަތިވިއެވެ.

އެހެންކަމުން މީގެކުރިން އެސްޓީއޯ އިންވެސް އަދި ސަރުކާރުގެ ކަމާ ގުޅުންހުރި ވަޒީރުންވެސް ވަނީ އެފަދަ ކަންކަން ކުރުން ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު