ދުނިޔެއަށް ނުރައްކާ ކުރަމުންދާ ކޮވިޑް-19 ގެ ބިރާއި ރާއްޖެއަށް ވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން މި ބަލިމަޑުކަމާއި ގުޅިގެން ފުރަބަންދުގެ ހާލަތުގައި އެތައް ދުވަހެއްވަންދެން އޮތުމަށްފަހު ރާއްޖޭގައި ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު، އަނެއްކާވެސް ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ.

ރާއްޖޭގައި ބަލި ފެތުރުމަށް ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއް މީހެ މަހެއްހާ ދުވަސްކުރިން އައިސްފައި ވީނަމަވެސް، ފާއިތުވެދިޔަ ދުވަސްތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެއާއެކު ބައްޔަށް ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ކުރާ 1490 މީހަކު އެބަތިއްބެވެ. އިއްޔެއާއި ހަމައަށް މި އަދަދު ހުރީ 1489 ގައެވެ. ފަރުވާދޭ މީހުންގެ އަދަދު އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި މިވަނީ އިއްޔެ އިތުރު ގިނަ އަދަދެއްގެ ބަޔަކު އަލަށް ފައްސިވުމާއި ގުޅިގެންނެވެ.

އެޗްޕީއޭއިން ވިދާޅުވެފައިވާ ގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން އިތުރު 129 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ރާއްޖެއިން އިއްޔެ ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެހިންނާއި ބަންގްލަދޭޝްގެ 23 މީހަކާއި އިންޑިއާ 8 މީހަކާއި ލަންކާ 4 މީހެއްގެ އިތުރުން އިންޑޮނީޝިއާ މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4293 އަށް އަރާފައެވެ.

ރައްޖޭގައި ކޮވިޑް-19 އަށް ފަރުވާ ކުރަމުންދާ މީހުންގެ ތެރެއިން 92 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ. މީގެތެރެއިން ބައެއް މީހުންނަށް ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ފަރުވާދެމުންދާކަން ވެސް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުން ވެސް ކޮވިޑް-19 ގެ ވޭދަނަތައް ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިވަގުތު ކޮވިޑް-19 ގެ ވޭދަނަތައް މާލޭގެ އިތުރުން 7 އަތޮޅެއްގެ 13 ރަށެއްގައި އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނެނީ ހއ. ކެލާ، ހއ. އިހަވަންދޫ، ނ. ސޮނޭވާ ޖާނީ ރިސޯޓް، ރ. އިނގުރައިދޫ، ބ. އޭދަފުށި، ބ. ތުޅާދޫ، ބ. ހިތާދޫ، ބ. ކަމަދޫ، ބ. ސީސައިޑް ފިނޮޅު ރިސޯޓް، ޅ. ހިންނަވަރު، ޅ. ކުރެންދޫ، ކ. މާފުށީ އަދި ވ. ފުލިދޫ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 2115 ބިދޭސީއަކާއި 2178 ދިވެހިންނެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ރާއްޖެއިން މިހަތަނަށް ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 2670 މީހެކެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިއްޔެ ރާއްޖެއިން ބަލިން ރަނގަޅުވެފައި ވަނީ 27 މީހެކެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން 18 މީހަކު ނިޔާވެފައި ވެއެވެ. އޭގެތެރޭގައި ހޮނިހިރު ދުވަހު ނިޔާވި އުމުރުން 52 އަހަރުގެ ދިވެހި އަންހެނަކާއި އާދީއްތަ ދުވަހު ނިޔާވި އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނަކު ހިމެނެއެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.

މީގެ އިތުރުން އިއްޔެ މޫދަށް ފައިބައި އުޅެނިކޮށް ހާލު ދެރަވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވި މީހަކުވެސް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. ނަމަވެސް އެއީ ކޮވިޑް-19 އާއި ގުޅިގެން މަރުވި މީހެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު މީހަކު ނެތް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ނަމަވެސް އައިސޮލޭޝަންގައި 1013 މީހަކު އެބަތިއްބެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޖުމްލަ 82,208 ސުންކު (ސާމްޕަލް) ނަގާފައި ވެއެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 149 ދުވަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު