ފުލުހުންގެ ތެރެއިން 93 މީހަކަށް މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފުލުހުންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި އޮފިސަރުންނާއި މުވައްޒަފުން ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން 56 މީހަކަށް އަދިވެސް ފަރުވާދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ފުލުހުންގެ ތެރެއިން މި ބަލިން މިހާތަނަށް ރަނގަޅުވެފައި ވަނީ 37 މީހުންނެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުންދާތީ ބަލި ކޮންޓްރޯލް ކުރަން އަޅަމުންދާ ފިޔަވަޅުތަކާ އެކުގައި ފުލުހުންގެ ލީޑަޝިޕާއި ވަސީލަތްތަކާއި އެހީތެރިކަން ގައުމަށް ލިބިގެންދާނެ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ މީހުންގެ ތެރޭގައި ފުލުހުންނާއި ސިފައިންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ އިތުރުން އެހެނިހެން އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތައް ހިމެނެއެވެ.

އެފަދަ މީހުންނަށް ހާއްސަ އެލަވަންސެއް ދިނުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ހާމަކޮށްފައެވެ. އަދި ފަހަކަށް އައިސް، ކުރީ ސަފުގައި މަސައްކަތް ކުރާ މީހުން ފައްސިވާ މިންވަރު އިތުރުވަމުން އަންނަ ކަމަށް ވެސް އެ ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އިން މިހާތަނަށް 4،594 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، ބަލިން ރަނގަޅުވެފައި ވަނީ 2،706 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 2،410 ދިވެހިންނާއި 2،184 ބިދޭސީންނެވެ. މި ބަލީގައި 19 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަރީ

    93 މީހުންގެ އަލާމާތެއްނެތް.. ބަލި ޖެހުނުކަމަށް ޓެސްޓް ކިޓް އަދި އެޗްޕީއޭ އިން ބުނާ ބުނުމުގެ އިތުރު އެވެސް ބިރެއްނެތް. ދެން ހަމަ އެއްވެސް އަލާމާތެއް ނެތަސް ހިޔާލީ ގޮތުން މިހުރީ ކޮވިޑް ޖެހިފަޔޭ ހިތަށްއަރުވާ ބިރުން ރޯންތަވީ.

    5
    5
  2. ޢަޙްމަދު ސަމީމް

    ފުލުހުންނަށް ކޮވިޑް ޖެހުނީ ޕީޕީއެމް ގެ މުޒާހަރާގެ ތެރެއިން ކޮވިޑު މަދުވެދާނެތީ ކަންބޮޑު ވެގެން ސަރުކާރަަށް ޖެއްސުން ކުރަން މުޒާހަރާ ކޮށް ކޮވިޑު ޖެހޭ މީހުން އިތުރުވީ މީ ހަޤީގަތް

    3
    4
  3. ރިހި ރާންބާގަސް

    ރާއްޖޭގަ ކޮވިޑަކީ ހިޔާލީ ފިލްމެއްކަމަށް ވަކި ޕާރޓީައެއްގެ ނައިބް ލީޑަރ ސިފަކޮށްދިނަސް ދުނިޔޭގަ ކަންހިނގަނީ އެގޮތަކަށްނޫންކަން ދިމާލަށް ފެންނަމުން މިދަނީ! ހަގީގަތް އޮޅުވާލުމުގަވެސް އިންތިހާއަށް ކުރީގަ އުޅޭނެކަމުގެ ހެކި ތިޔަ ޕާރޓީގެ ޕޯރޑިއަމްތަކުން ސާބިތުކޮށްދެމުން އެބަދޭ!

  4. ސަޓޯ

    ރައްޔިތުންގެ ހިދުމަތުގަ ފުލުހުން 24 ގަޑިއިރު... މިކުދިންގެ ވެސް ކުޑަ ދަރިންނާ ގޭގަ މުސްކުޅި ހައިރިސްކު މައިންބަފައިން ތިބޭނެ އެކަމަކުވެސް ވަރިހަމަ ހަމަ ޑިއުޓީ... ނުވިތާކަށް ޓީވީއަށް އަށް އަރާފަ އިބުރޭ ފޮނިކެނޑި އެލަވަންސް ވެސް މީގެން މީހަކަށް އަދިވެސް ނުދޭ...