ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިތުރު 829 މީހަކު މިއަދު މަރުވެއްޖެއެވެ. އިއްޔެ ވެސް މެކްސިކޯ އިން ކޮވިޑް-19 ޖެހިގެން 827 މީހަކު މަރުވިއެވެ.

މެކްސިކޯ އިން މިއަދު 6139 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ އެގައުމުން 6148 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

މެކްސިކޯ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 456,100 އަށް އަރާފައެވެ. އޭގެ ތެރެއިން 49,698 މީހަކު ވަނީ މަރުވެފައެވެ. ޖޫން މަހުން ފެށިގެން މެކްސިކޯގައި ހަލުވިކަމާއި އެކު ކޮވިޑް-19 އަންނަނީ ފެތުރެމުންނެވެ. މިހާރު މެކްސިކޯ އަކީ ހަވަނަ އަށް އެންމެ ގިނަ މީހުން ފައްސިވި އަދި ތިން ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ގައުމެވެ.

ޕެން އެމެރިކަން ހެލްތު އޮގަނައިޒޭޝަން އިން އިއްޔެ ބުނީ އޮގަސްޓް މަހު މެކްސިކޯގައި ކޮވިޑް-19 ފެތުރުން ޕީކަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޮގަސްޓް މަހުގެ ފަހުކޮޅު މެކްސިކޯގެ ހާލަތު ރަނގަޅު ވާން ފަށާނެ ކަމަށް އެޖަމިއްޔާ އިން ވަނީ ލަފާކޮށްފައެވެ.

ނަމަވެސް މެކްސިކޯގެ މީޑިއާތަކުން ބުނާ ގޮތުގައި އެލަފާކުރުންތަކާއި އެއްގޮތައް ކަންތައްތައް ވެގެން ދާނެ ކަމަށް ލަފައެއް ނުކުރެއެވެ. ސަބަބަކީ ފުރަބަންދަށް ދީފައިވާ ލުއިތަކުގެ ސަބަބުން ގިނަ ބަޔަކު އާއްމު ހާލަތެއްގައި ވަޒީފާއަށް ވެސް ނިކުންނާތީއެވެ. ގެއިން ބޭރަށް ނިކުންނައިރު އަމަލު ކުރަން ޖެހޭ އުސޫލުތައް ސަރުކާރުން އިއުލާން ކޮށްފައި އޮތް ނަމަވެސް އެއުސޫލުތައް އެންމެ ރަނގަޅަށް ތަންފީޒު ނުކުރެވޭ ކަމަށް މެކްސިކޯގެ މީޑިއާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު