އައްޑޫސިޓީ ހިތަދޫގެ ސްކޫލްތައް ދެ ދުވަހަށް ބަންދު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އައްޑޫސިޓީ ހިތަދޫގެ ސްކޫލްތައް މާދަމާ އަދި އަންގާރަ ދުވަހު ބަންދު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވަނީ އެރަށުން ކޮވިޑް-19 ގެ ވޭދަނައެއް (ކޭސްއެއް) ފެނުމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުންނެވެ.

"ވަގުތު" އަށް މައުލޫމަތު ދެމުން ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް ހުސެއިން މުސައްވިރު ވިދާޅުވީ، ކޮވިޑް-19 ގެ ވޭދަނައެއް ހިތަދޫ އިން ފެނި، މޮނީޓަރިންގގެ ހާލަތަށް ގެނެސްފައިވާތީ ދެ ދުވަހަށް އެސްކޫލްވެސް ބަންދުވާނެ ކަމަށެވެ.

މިއަދަކީ ސްކޫލުގައި ކިޔެވުން އޮތްދުވަހެއް ކަމުން، އެސްކޫލަށް ކިޔަވަން އައިސްތިބި އެސިޓީގެ ފޭދޫ، މަރަދޫ ފޭދޫ އަދި މަރަދޫ އަށް ނިސްބަތްވާ ކުދިން މިހާރު ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުސައްވިރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހިތަދޫގެ ސްކޫލްތައް ދެ ދުވަހަށް ބަންދު ކުރުމަށް އަންގާފައިވާތީ، ސްކޫލްތަކުން ވަނީ ދަރިވަރުންގެ ބެލެނިވެރިންނަށް ސްކޫލް ބަންދުވާނެ ކަމުގެ މެސެޖު ފޮނުވާފައެވެ. އަދި އެ މެސެޖުގައި އެކަމާއި ގުޅިގެން އިތުރު ބަދަލެއް ގެނެވޭނަމަ ހިއްސާ ކުރައްވާނެ ކަމަށް ވަނީ އަންގާފައެވެ.

އެޗްޕީއޭ އިން ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު ހިތަދޫގައި ގޭގައި ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑް-19 އަށް މިއަދު ވަނީ ފައްސި ވެފައެވެ. އަދި އައްޑޫ ސިޓީ ފޭދޫގައި ގޭގައި ކަރަންޓީނުގައި ހުރި މީހަކު ވެސް ވަނީ މި ބައްޔަށް ފައްސި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު