ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި މެޑިކާ މުވައްޒަފަކު ވެސް ހިމެނިއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި، ކޮވިޑް-19 އަށް ފައްސިވީ މެޑިކާގެ ރޭޑިއޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ބިދޭސީއެކެވެ. މިއީ މެޑިކާ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ ފަހަރެވެ.

މެޑިކާގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެމީހާއަކީ މީގެ 14 ދުވަސް ކުރިން، ކޮވިޑް-19 ޖެހިގެން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ މީހެއް ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުވެގެން މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއީ ރޭންޑަމް ސާމްޕަލިންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހެއް. މި ހޮސްޕިޓަލްގެ ތެރެއިން ވި ކަމެއް ނޫން. އެމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވީމަ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަން ވާނީ ޑިސްއިންފެކްޓްކޮށްފައި،" އޮފިޝަލް ވިދާޅުވިއެވެ.

ފާމުދޭރި މަގުގައި ހުންނަ މެޑިކާ ހޮސްޕިޓަލަކީ މަލްޓިސްޕެސަލިޓީ ހޮސްޕިޓަލެކެވެ. ތަޖުރިބާކާރު ގިނަ ޑޮކްޓަރުންތަކެއް އެތަނުގައި ބަލިމީހުން ބައްލަވައެވެ.

ޖުލައި މަހު މާލޭގެ ފުރަބަންދަށް ލުއިތައް ދިނުމުން އޮފީސް މާހައުލުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

ރާއްޖެ އިން މިހާތަނަށް 5366 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އޭގެ ތެރެއިން 2884 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި 2461 މީހުން އެބަތިއްބެވެ.

ނޯޓު:

މެޑިކާގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެ، އެ ތަން ބަންދު ކުރި ކަމަށް ލިޔެވުނީ މައުލޫމާތުގެ ކުށަކުންނެވެ. އެހެންވެ، އެކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ.

ކިޔުންތެރިންގެ ހިޔާލު