ދުނިޔެއަށް ނުރައްކާ ކުރަމުންދާ ކޮވިޑް-19 ގެ ބިރާއި ރާއްޖެއަށް ވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން މި ބަލިމަޑުކަމާއި ގުޅިގެން ފުރަބަންދުގެ ހާލަތުގައި އެތައް ދުވަހެއްވަންދެން އޮތުމަށްފަހު ރާއްޖޭގައި ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު، ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނައިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ވެސް އަންނަނީ ގިނަ ވަމުންނެވެ. ހަމަ އެހެންމެ އަތޮޅުތަކުން ފައްސިވާ މީހުންގެ އަދަދުވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ އިތުރުވާން ފަށާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ކުރާ 2540 މީހަކު އެބަތިއްބެވެ. މިއީ މިހާތަނަށް މި ބައްޔަށް ފަރުވާދޭ މީހުންގެ އަދަދު މިހާތަނަށް އެންމެ ބޮޑަށް އިތުރުވި ފަހަރެވެ. އިއްޔެއާއި ހަމައަށް މި އަދަދު ހުރީ 2553 ގައެވެ.

އެޗްޕީއޭއިން ވިދާޅުވެފައިވާ ގޮތުން އިއްޔެ ވެސް ރާއްޖެއިން އިތުރު 78 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ރާއްޖެއިން އިއްޔެ ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 46 ދިވެހިންނާއި ބަންގްލަދޭޝްގެ 25 މީހަކާއި އިންޑިއާ ހަތަރު މީހަކާއި، ނޭޕާލްގެ މީހެއްގެ އިތުރުން ލަންކާ ދެ މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5572 އަށް އަރާފައެވެ.

ރައްޖޭގައި ކޮވިޑް-19 އަށް ފަރުވާ ކުރަމުންދާ މީހުންގެ ތެރެއިން 150 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ. މީގެތެރެއިން 11 މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާކަން ވެސް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުން ވެސް ކޮވިޑް-19 ގެ ވޭދަނަތައް ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިވަގުތު ކޮވިޑް-19 ގެ ވޭދަނަތައް މާލޭގެ އިތުރުން 10 އަތޮޅެއްގެ 14 ރަށެއްގައި އެބަހުއްޓެވެ. އޭގެތެރޭގައި ހއ. ފިއްލަދޫ، ހއ. އިހަވަންދޫ، ހދ. ނައިވާދޫ، ރ. ހުޅުދުއްފާރު، ބ. ކަމަދޫ، ބ. ކުޑަރިކިލު، ޅ. ނައިފަރު، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ކ. މާފުށި، ފ. ނިލަންދޫ، ވ. ފުލިދޫ އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ ހިތަދޫ ހިމެނެއެވެ.

މީގެ އިތުރުން 8 ރިސޯޓަކުން ވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ވޭދަނަތައް ފެންމަތިވެފައި ވެއެވެ. މި ރިސޯޓުތަކުން ހަ ފަތުރުވެރިޔަކާއި 8 މުވައްޒަފަކު މި ބައްޔަށް ފައްސިވެފައި ވެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 3072 ދިވެހިންނާއި 2500 ބިދޭސީއެކެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ރާއްޖެއިން މިހަތަނަށް ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 3010 މީހެކެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިއްޔެ ރާއްޖެއިން ބަލިން ރަނގަޅުވެފައި ވަނީ 90 މީހެކެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން 22 މީހަކު ނިޔާވެފައި ވެއެވެ. މީގެ ތެރޭގައި ހުކުރު ދުވަހު ނިޔާވި އުމުރުން 61 އަހަރުގެ ދިވެހި އަންހެނަކު ވެސް ހިމެނެއެވެ. ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 18 ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ. މީގެ އިތުރުން ރާއްޖޭގައި ސިއްޙީ އެހެން ހާލަތްތަކުގައި ނިޔާވި ފަސް މީހަކުވެސް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އައިސޮލޭޝަނުގައި 1508 މީހަކު އެބަތިއްބެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޖުމްލަ 94,047 ސުންކު (ސާމްޕަލް) ނަގާފައި ވެއެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 160 ދުވަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެޗްޕީއޭ ނޫންގޮތެއް

    ވާނުވާ ނޭންގޭ ޒަމާނީ ހޯދުންތަކަށް އަހުލުވެރިނުވާ ހިހޫތަނުން ކާލައިގެން އުޅޭފާޑު މީހުން އުޅޭތަނެއް. އެމެރިކާގެ ސީޑީސީ ގައިޑްލައިންތަކަށް ވުރެ މިގަމާރުންނެރޭއެތި މާހާޑު އެކަމަކު މަރުވާ މީހުންމަރުވަމުން އަދަދުތައް އޮބިނޯންނަނީ. އަސްލުފޯކަސް ކުރަން ނޭނގެނީ ސީދާ ކޮންދިމާލަކަށްކަން ނޭނގެނީ