ހއ. ކެލާ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވި އެންމެން ބަލިން ރަނގަޅުވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ކެލާ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އިސްމާއިލް "ވަގުތަށް" މިއަދު ވިދާޅުވީ، އެރަށުން ކޮވިޑް-19 އަށް ފައްސިވި 10 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

އައިމިނަތު ވިދާޅުވީ، އެރަށުން ރަނގަޅުވެފައިވަނީ އެރަށު ބޯޓެއްގައި މަސައްކަތް ކުރާ މީހުން ކަމަށެވެ. އޭގެ ތެރޭގައި ބިދޭސީންނާއި ދިވެހިން ހިމެނެއެވެ.

ރާއްޖޭގައި ފަހަކަށް އައިސް، ރަށް ރަށުގައި ދިރިއުޅޭ މީހުން ކޮވިޑް-19 އަށް ދަނީ ފައްސިވަމުންނެވެ. ހާއްސަކޮށް، މާލެ އިން ރަށް ރަށަށް ގޮސް ކަރަންޓީންވެގެން ތިބޭ ބައެއް ދިވެހިންނާއި ބިދޭސީން ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާން ކުރި ފުރަބަންދަށް ދިން ލުއިތަކާ ގުޅިގެން ކޮވިޑް-19 އަށް ފައްސިވާ ދިވެހިންގެ އަދަދު ވަނީ އިތުރުވެފައެވެ.

އެޗްޕީއޭގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުވައު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 5,574 އަށް އަރައިފައެވެ. އަދި މި ބަލީގައި ނިޔާވެފައި ވަނީ 22 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު