ޔޫތު މިނިސްޓްރީއިން ޒުވާނުންނަށް އަމާޒުކޮށް ޚާއްސަ ހަރަކާތްތަކެއް ރޯދަމަހާ ދިމާކޮށް ކުރިޔަށް ގެންދިޔުމަށް ތައްޔާރު ވެއްޖެއެވެ.

ޔޫތް މިނިސްޓްރީއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި މިމަހުގެ 19، 26 އަދި ޖޫން މަހުގެ 2 ވަނަދުވަހު "އެކި ރަހަ" ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދާނެއެވެ. މި ޕްރޮގްރާމަކީި ތަފާތު އެކި ވައްތަރުގެ ކާބޯތަކެތި ތައްޔާރުކުރާނެގޮތް ދަސްކޮށްދޭނެ ޕްރޮގްރާމްތަކެކެވެ. ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ޝެފުންނާއިއެކު ކުރިޔަށްގެންދާ މި ޕްރޮގްރާމްގައި ސްމޫތީ އާއި ސެލެޑް އަދި ޑެޒަރޓް ތައްޔާރުކުރާނެގޮތް ބައިވެރިންގެ މެދުގައި ހިއްސާކުރެވޭނެއެވެ.

މީގެ އިތުރުން މިމަހުގެ 18 އިން 30 އަށް "ޔޫތު ރަމަޒާން ކަޕް" ގެ ނަމުގައި ވަރަށް ފޯރިގަދަ މުބާރާތެއްވެސް ކުރިޔަށްދާނެއެވެ. ބިލިއާރޑް، ޑާޓް، ޑިގު އަދި ޕީ.އެސް.4 ފަދަ މަޝްހޫރު އިންޑޯ ކުޅިވަރުތަކުގެ މައްޗަށް އެކުލެވިގެންވާ މިމުބާރާތުގެ އިންތިޒާމްތައް ވަނީ ވަރަށް ފުރިހަމައަށް ރޭވިފައެވެ.

އަދި މިމަހުގެ 23 އާއި 30 ވަނަ ދުވަހު ޒުވާނުންނަށް އަމާޒްކޮށް މާތްވެގެންވާ އިސްލާމް ދީނުގެ އަސާސްތަކާއި ގުޅޭގޮތުން ވަރަށް ޚާއްސަ ސެޝަންތަކެއް އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ކުރިޔަށް ގެންދާނެއެވެ.

މިހުރިހާ ޕްރޮގްރާމްތަކެއް ވެސް އޮންނާނީ މާފަންނު ޒުވާނުންގެ މަރުކަޒުގައެވެ. މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލެވިފައިވާއިރު ޔޫތު މިނިސްޓްރީ އަދި މާފަންނު ޒުވާނުންގެ މަރުކަޒަށް ގުޅުއްވައިގެން ޕްރޮގްރާމްތަކާއިގުޅޭ އިތުރު މައުލޫމާތުތައް ލިބޭނެއެވެ.

މިދިޔަ ހުކުރު ދުވަހު މާފަންނު ޒުވާނުންގެ މަރުކަޒުގައި ޒުވާނުންގެ ބަދިގެ ހުނަރު ޕްރޮގްރާމް ވެސް އެމިނިސްޓްރީއިން ކުރިޔަށް ގެންދިޔަކަން ފާހަގަކޮށްލެވެއެވެ. މިއީ ޒުވާނުންގެ މެދުގައި ކެއްކުމުގެ ހުނަރު ދަސްކޮށްދީ ކެއްކުމުގެ ދާއިރާއިން ނަފާވެރި ބަޔަކަށް ޒުވާނުން ހެދުމަށް ހިންގުނު ޕްރޮގްރާމެކެވެ. އަދި ހޮނިހިރު ދުވަހު ޒުވާނުންނަށް ޚާއްސަ މާހެފުމެއްވެސް ސޯޝަލް ސެންޓަރުގައި ވަނީ ބާއްވާފައެވެ.

މާފަންނު ޒުވާނުންގެ މަރުކަޒަކީ ވަރަށް ގިނަ ފަރާތްތަކަށް ޒުވާނުންނާއި ކުޅިވަރާ އަދި މުނިފޫހި ފިލުވުވުމުގެ ކަންކަމުގައި އެ އިމާރާތާއި ގޯތި އޮންނަ އުސޫލްގެ ތެރެއިން ހިލޭ ސާބަހަށް ދޫކުރަމުންދާ ތަނެކެވެ.