ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ދެކެ ރައްޔިތުން ބިރުގަންނަ ހެން ހީނުވާ ކަމަށާއި އެކަމަކު، އެ ބައްޔާ މެދުގައި ސިއްހީ ހިދުމަތްތެރިން ބިރުގަންނަ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ރޭ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޑރ. އަލީ ލަތީފް ވިދާޅުވީ ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމަކީ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ސަބަބެއް ކަމަށެވެ. އަދި އާންމުކޮށް ފިޔަވަޅުތައް އަޅަނީ މީހުން މަގުމައްޗަށް ނުކުމެ އުޅުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. --- ފޮޓޯ: އެޗްއީއޯސީ

"ވެހިކަލްތައް ދުއްވުން މަނާ ކުރުމާ ގުޅިގެން އެއްފަހަރާ މީހުން މަގުމައްޗަށް ނުކުންނަ ނަމަ، އޭގެ ބޭނުމެއް ނުހިފޭ. ފިޔަވަޅު އަޅާ އިރު، މި އަޅަނީ ހަމައެކަނި ރޭގަނޑު އަށަކުން ފެށިގެންނެއް ނޫން. ކޮންމެހެން ނުޖެހޭ ގާނޫނުތަކާއި ގަވައިދުތައް ހަދައިގެން މިކަން ކޮންޓްރޯލް ކުރަން އުޅޭކަށް. ޖުމްލަކޮށް ޕަބްލިކްގެ ސަޕޯޓު ނުލިބޭ ނަމަ މި އަޅާ އެއްވެސް ފިޔަވަޅަކުން ކުރިއެރުމެއް ނުލިބޭނެ،" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުންދާތީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި މާލެ ސަރަހައްދުގައި ބޭރު ތެރޭގައި އުޅޭ އިރު، މާސްކް އެޅުން ވަނީ މަނާކޮށްފައެވެ.

ޑރ. އަލީ ލަތީފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: އެޗްއީއޯސީ

ޑރ. އަލީ ލަތީފް ވިދާޅުވި ގޮތުގައި ފިޔަވަޅުތައް އަޅަން ޖެހެނީ، ރައްޔިތުން އެކަމަށް އަމަލު ކުރަމުން ނުދާތީއެވެ.

"އަޅުގަނޑުމެންނަށް ހީނުވޭ މިހާ ގިނަ ދުވަސްވެގެން ދިޔައިރު، މީހުން އެހާ ވަރަށް ބަލި ދެކެ ބިރުގަންނަ ހެން. އެކަމަކު އަޅުގަނޑުމެން ވަރަށް ބިރުގަނޭ. މި ބަލި ކޮންޓްރޯލުން ނައްޓައިގެން ގޮސް އެހާ ގިނަ ބަޔަކު އެޑްމިޓް ކުރަން ޖެހޭ ހާލަތަށް ގޮސްފި ނަމަ، ދަންނަވާނެ އެއްވެސް އެއްޗެއް ނޯންނާނެ،" ރާއްޖޭގައި އެންމެ ތަޖުރިބާކާރު ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 6،779 އަށް އަރައިފައެވެ. މި ބަލީގައި 27 މީހަކު ނިޔާވެފައިވާ އިރު، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން މިވަގުތު 160 އަށް ވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން 11 މީހަކު އައިސީޔޫގައި އޮތް އިރު، އަށް މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުތަކުގެ 60 އިންސައްތަ އެނދުތައް މިހާރު ވަނީ ފުރިފައެވެ.

ރާއްޖެ މި ހާލަތުގައި އޮތް އިރު، އެއްވެސް މީހަކު ހާއްސަ ކަމެއް އޮތީމަ ނޫނީ ބޭރަށް ނުނިކުތުމަށް ޑރ. އަލީ ލަތީފް ވަނީ އިލްތިމާސް ކުރައްވައިފައެވެ. އަދި ރައްޔިތުންގެ އެއްބާރުލުން ލިބޭ ނަމަ، ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރެވިދާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

ޑރ. އަލީ ލަތީފް ވިދާޅުވި ގޮތުގައި، ރާއްޖެ ފަތުރުވެރިކަމުގެ ދާއިރާ އަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އިރު، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް މައްޗަށް އަރާ ނަމަ، ރާއްޖެ އަށް ފަތުރުވެރިން ނާންނާނެއެވެ. ރާއްޖެއަކީ ރައްކާތެރި ގައުމެއްގެ ގޮތުގައި އަދިވެސް ބެލެވިފައި ނުވަނީ ވޭދަނަތައް އިތުރުވެގެން ދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޓޫރިޒަމް ހަލާކުވެއްޖެ ނަމަ، އަޅުގަނޑަށް ހިއެއް ނުވޭ މާ ބޮޑު އާމްދަނީއެއް ލިބޭނެހެން. ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ހިދުމަތް ދޭން ބޭނުންވާ ނަމަ، އަޅުގަނޑުމެން އެބަ ޖެހޭ ބަލި ކޮންޓްރޯލް ކުރަން،" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ ބަލި ކޮންޓްރޯލް ކުރަން އަޅާ އެންމެ ފަހުގެ ފިޔަވަޅަކަށް ވާނީ ރާއްޖެ ފުރަބަންދަކަށް ދިއުމެވެ. ސަރުކާރުން އަޅާ ފިޔަވަޅުތަކާއި އާންމުން ދޭ އެއްބާރުލުން "އެއް ނުވާ ނަމަ" ބަލި ކޮންޓްރޯލް ކުރެވޭނެ ހެން ހީ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަރީ

    މަބްރޫކު އަރުވަބަލަ ޕްރެސްއަށް އޭރުން ރައްޔިތުން ބަސްއަހާނެ

    8
    6
  2. އަޙްމަދު

    ޒުވާނުން މަގުފުރައްދާ ކޮވިޑަކީ ބިރުވެރިކަމެއް ނުންކަމަށް ހާމަކޮށްދިނީ މަޖްލީސް މެންބަރުން! ޙާއްސަކޮށް އެމްޑީޕީ މެންބަރުން! ޒިންމާ ނަގަން ޖެހޭނެ!!!!

    21
    2
  3. އަރީ

    އޅި ލަތީފު އިސްތިއުފާދީބަލަ. ކަލޭމެން މަލާއިކަތުން ހެދިގެން ތިބެ ތިތަނަށްއަރާ ޒުވާނުން ކުއްވެރިކޮއް ރައްޔިތުން ކުއްވެރިކޮއް ތިޔަ ގަންނަ ގަޑަކީ ޖޫރިމަނާކޮއް ރައްޔިތުން ފެލުން.

    11
    10
  4. އެމަންޖެ

    ތީ ދޮގެއް.

    8
    1
  5. ހަސަދު

    އަޅުގަނޑު ކޮވިޑަށް ވުރެ ދިވެހި ޑަކްޓަރުންދެކެ މާބިރުގަނޭ. ބަލި ޑައިގްނޯސް ކުރަނީ ނިބައިކޮށް، ދެނީ ނުބައިބޭސް ދެން އެކަމުން ސަލާމަތް ނުވެގެން މުޅި އުމުރު. އެހާ ފަރުވާ ވެސް ކުޑަ. މިހާރުވެސް ބަލިވެގެން ކޯލެއް ކުރިއަސް ފިތްކަޑައިގެންދާ ވަރުގެ އަގެއް. ހަމަ އެކަނި ބަލިމީހާގެ ވާހަކަ އަށް ބަލާ ބޭހެއް ހޯދާލަން.

    12
    5
  6. އުދުޅި

    ވައްކަން ކުރާއިރު ބިރެއް ނުގަނޭތަ