މަސައްކަތުގެ މާހައުލުގައި މަތީ ފަންތިތަކާ ހަމައަށް ވާސިލްވުމުގައި އަންހެނުންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތި ލާންޖެހޭ ކަމަށް ޖެންޑާރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

މުޖުތަމައުގައި އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން، އަންހެނުންނަށް ކަރަންޓުގެ މަސައްކަތްތައް ދަސްކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ހިންގި ކޯސްތައް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓްތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒެނީޝާ ވިދާޅުވީ ރާއްޖޭގައި ވަޒީފާ އަދާކުރާ  މީހުންގެ 40 އިންސައްތައަކީ އަންހެނުން ކަމަށެވެ. އަދި އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށާއި މަސައްކަތުގެ މާހައުލުގައި ކުރިއަރައި ދިޔުމަށް އަންހެނުންނަށް އެކި އެކި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

އަދި ކަރަންޓާ ގުޅުން ހުރި މަސައްކަތްތަކަކީ ފިރިހެނުންނަށް ހާއްސަ މަސައްކަތެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށް ވިދާޅުވަމުން ޒެނީޝާ ވިދާޅުވީ އަންހެނުންނަކީ ކޮންމެ ކަހަލަ މަސައްކަތެއްވެސް ކުރެވިދާނެ ބައެއް ކަމަށެވެ.

އަދި ރާއްޖޭގައި މަތީ ފަންތީގައި މަސައްކަތް ކުރާ އަންހެނުން ނިސްބަތުން މަދު ކަމަށާއި އެކަމަކީ ގައުމުގެ ކުރިމަގަށް އެޅޭނެ ހިޔަންޏެއް ކަމަށް މިނިސްޓަރ ޒެނީޝާ ވަނީ ވިދާޅުވެފައެވެ.

ކަރަންޓުގެ މަސައްކަތްތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ކޯސްތައް ނިންމި 150 ބައިވެރީންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާއިރު ފެބްރުއަރީ މަހު ސްޓެލްކޯއިން އިފްތިތާހުކުރި މި ކޯސްތަކަކީ ސިލްސިލާކޮށް ކުރިއަށް ގެންދާ ކޯސްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަސައްކަތު މާހައުލުގާ ކުރިއަށްދިޔުމަށް ފިރިހެނުންނަށްވެސް ގޮންޖެހުންތައް އެބަހުރި.