ގއ. ކޮލަމާފުއްޓާއި، ގދ. ހޯޑެއްދޫގެ ބަނދަރުގެ ސާވޭ، ޑިޒައިން އަދި އަލުން އިމާރާތްކުރުމުގެ މަސައްކަތް މިއަދު ބަޔަކާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން ކޮލަމާފުއްޓާއި، ހޯޑެއްދޫގެ ބަނދަރުގެ ސާވޭ، ޑިޒައިން އަދި އަލުން އިމާރާތްކުރުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިިމިޓެޑް އާއެވެ.

ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި މަޝްރޫއުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒަމީރުއެވެ. އަދި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގުއެވެ.

ގާތްގަނޑަކަށް 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވާ މިމަޝްރޫއުގެ ޖުމްލަ އަގަކީ 119.6 މިލިޔަން ރުފިޔާއެވެ. އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވިލޮޕްމެންޓް (‏އޮފިޑް) އިން 77 އިންސައްތަ ހަރަދުދޭ މި ދެ މަޝްރޫއުއަށް ދިވެހި ސަރުކާރުގެ ބަޖެޓުން ވެސް 23 އިންސައްތަ ހަރަދު ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީން ބުނީ، އެ ދެ މަޝްރޫއުގެ ދަށުން ކޮލަމާފުށި ބަނދަރުގެ މަސައްކަތުގެ ތެރެއިން ބޭރުތޮށީގައި 548 މީޓަރުގެ ބޮޑުހިލަ ޖެހުމާއި 550 މީޓަރުގެ އެއްގަު ތޮށި ‏ލުމާއި ހަތަރު ނެރުބައްތި ހަރުކުރުން އަދި 28 ބަނދަރު ބައްތި ހަރުކުރުމާއި 2،750 ސްކެއާމީޓަރުގެ ޕޭމެންޓް އެޅުމުގެ އިތުރުން 12 މޫރިންގް ބްލޮސް ލުން ހިމެނޭ ކަމަށެވެ. އަދި 66،330 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި 5،750 ކިއުބިކް މީޓަރަށް ނެރު ފުންކުރުމުގެ އިތުރުން 404 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިމަޝްރޫއުގެ ދަށުން ހޯޑެއްދޫ ބަނދަރުގައި 1،485 މީޓަރުގެ ބޮޑުހިލަ ބޭރު ތޮށިލުމާއި 310 މީޓަރުގެ އެއްގަމު ތޮށި ލުމާއި ހަތަރު ނެރުބައްތި އަދި 50 ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން 1،550 މީޓަރުގެ ސްކެއާމީޓަރު ގެ ޕޭމެންޓް އެޅުމުގެ އިތުރުން އަށް މޫރިންގް ބްލޮސް ލުން ހިމެނޭ ކަމަށެވެ. އަދި 71،590 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި 2،250 ކިއުބިކް މީޓަރަށް ނެރު ފުންކުރުމުގެ އިތުރުން 652 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.