ގއ.މާމެންދޫގައި އަޅާލާނެ މީހަކު ނެތިގެން، ކައުންސިލުން ބަލަހައްޓަމުންދިޔަ އެރަށު އުމުރުން 80 އަހަރުގެ އަލިފުތު ބަލަން ދެ މީހަކު އިސް ނަގައިފިއެވެ.

މިދިޔަ ހަފްތާ ތެރޭގައި އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި އަލިފުތު ބަލަހައްޓަމުންދިޔަ މީހުން އޭނާ ގެއިން ނެރެލުމުން، އޭނާ ބެެލެެހެއްޓުމާއި ހަވާލުވީ އެރަށު ކައުންސިލުންނެވެ. އޭގެ ފަހުން އެރަށު ކައުންސިލުން ވަނީ އޭނާ ބަލަހައްޓާނެ މީހަކު ހޯދަން އިއުލާނުކޮށްފައެވެ.

އެ އިއުލާނަށް ދެ ތިން މީހަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން މާމެންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަބްދުﷲ ޖަލީލް ވިދާޅުވީ، މާމެންދޫ މީހަކާއި ދާންދޫން މީހަކު އަލިފުތު ބެލުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ޖަލީލް ވިދާޅުވީ، ދާންދޫ އިން ހަވާލުވާން އެދުނު މީހާ ބޭނުންވަނީ އަލިފުތު އެރަށަށް ގެންގޮސް ބަލައި ދިނުމަށް ކަމަށެވެ. އެގޮތުން އެފަރާތުން އަލިފުތު ދާންދޫ އަށް ފޮނުވުމަށް އެދިފައިވާ ކަމަށް ޖަލީލް ވިދާޅުވިއެވެ.

އަދި މާމެންދޫ ން އަލިފުތު ބަލައިދޭނެ ކަމަށް ބުނި ފަރާތުން އޭނާ ގޭގައި ބަހައްޓައިގެން ބަލަން އެދިފައިވާ ކަމަށް ޖަލީލް ވިދާޅުވިއެވެ. އެފަރާތުން ބޭނުންވަނީ އަލިފުތުމެންގެ މަރާމާތު ކޮށްގެން ބަލަން ކަމަށާއި އެގޮތަށް މަރާމާތުކޮށް ނިމޭ ވަގުތު ކޯޓުން އަލިފުތުގެ ވާރުތަވެރިން އަލިފުތު ބެލުމަށް ހަވާލުކޮށްފިއްޔާ އެފަރާތުން ކުރި ހުރިހާ މަސައްކަތެއް ދާނެ ކަމަށް ޖަލީލް ވިދާޅުވިއެވެ.

ޖަލީލް ވިދާޅުވީ، އަލިފުތު ބެލުމަށް ހުށަހަޅާފައިވާ ފަރާތްތަކާއި ހަވާލު ނުކުރަނީ ޖެންޑަރ މިނިސްޓްރީ އާއި ކޯޓުގައި މައްސަލަ ހިނގަމުން އަންނާތީ ކަމަށެވެ.

"މިހާރު ދެން ކޯޓް ކޭސްއެއްވެސް އެބައިން. އަނެއްކޮޅުން ޖެންޑަރ ގައިވެސް މައްސަލަ ކުރިއަށް އެބަދޭ. އެގޮތަށް ތަންތަނުގައި މައްސަލަ ކުރިއަށް ދަނިކޮށް ކައުންސިލުން ވަކި ގޮތެއް ނިންމާފައި މީހަކާއި ހަވާލެއް ނުކުރެވޭނެ" ޖަލީލް ވިދާޅުވިއެވެ.

އަލިފުތާ އުފަން ދަރިއަކު ނެތެވެ. އޭނާގެ އަނބިމީހާ މަރުވިތާ މިހާރު ތިން އަހަރު ވެފައިވާއިރު، އުމުރުން ދުވަސްވީ މީހުންނަށް ލިބޭ 5,000 ރުފިޔާ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ 2,000 ރުފިޔާގެ އެލޮވެންސް އަލިފުތާ އަށް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ތިކަމުގައި އިސްނެންގެވި ދެބޭފުޅުންނަށް ﷲ ހެޔޮރަޙްމަތް ލައްވާށި. އާމީން. އަދި ރަނގަޅު މީހުން ހުސްނުވޭތާ. الحمدلله.
    ނިކަމެތިންނާއި ބޭނުން ޖެހި ޙާލުގައި ވާ މީހުންނަށް އެހީތެރިވުމަކީ ދެދުނިޔޭގައިވެސް އޭގެ ހެޔޮކަން ފެންނާނެ ކަމެއް. ތިމާއަށް ނުވެސް އެނގޭ ފަދަ ގޮތަކަށް އޭގެ ބަދަލު ﷲ ދެއްވަވާނެ. ދެބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި ތަނަވަސްކަން މިންވަރު ކުރައްވާށިއެވެ އާމީން

    77
  2. އައްޑޫ ލެއި

    ތިކަމުގަ އިސް ނެގި މީހާޔައް އަލިފުތުގެ ގޯތި ލިބޭގޮތަށް ހަދަންޖެހޭނެ. ނނީ ދައުލަތުގެ ބެލުމުގެ ދަށަށް އޭނަގެ ގޯތިޔާ ދެންހުރި މުދަލެއް ނެގެންވާނެ. ވާރިސުންނަށް ލިބޭކަށް ނުޖެހޭ.

    12
  3. ނަގުލު ފިއްތި

    މާދަމާ އަލިފުތު ދުނިޔެ ދޫކޮށް ދިއަޔަސް ވާރސުން ހޭބަލިވަމުން ގޯތި ހޯދަން ދުވާނެ

    20
  4. Anonymous

    ހިތް ފަޅައިގެންދާ ކަހަލަ ޚަބަރެއް.

    15
    • އަލިބެއްޔާ

      ރޯން ވީނު.. މާ "އުދުރަށް" ހިތްފަޅައިގެން ދިއުން.. ބޭސް ކުރަން ޖެހޭ ކަމެއް..

      1
      1
  5. އެމަންޖެ

    އަލިފުތު ސަރުކާރުގެ ބެލުމުގެ ދަށައް ނަގައިގެން ތިޔަ 7000 ރުފިޔާ އަންނި ބަނޑު އަޅާލަބަލަ...ނިކަމެތންނައް ނިކަމެތި ގޮތް ހަދަނީ ކޮއްމެ ސަރުކާރަކުންވެސް.

    10
    8