ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފްލެޓްތައް ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާ މީހުންގެ ތެރެއިން ބައެއް މީހުންގެ އަތުން ފްލެޓްތައް އަތުލާފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކޮށްފިއެވެ.

ފޭރިގަތް "ކޮތަރު ކޮށި" ނަމުގައި ބޭއްވި ޕްރޮގްރާމެއްގައި އާންމުންގެ ތިން މީހަކު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ފްލެޓް ލިބޭނެ ކަމަށް ލިސްޓުގައި ހިމަނާފައި އޮއްވައި މި ސަރުކާރުގައި ފްލެޓް ނުލިބޭނެ ކަމަށް ލިސްޓުގައި ހިމަނާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން މި ޕްރޮގްރާމްގައި ބައިވެރިވި އެކަކު ބުނީ، ކުރީ ސަރުކާރުން އެމީހުންނަށް 90 ޕޮއިންޓް ދީފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރުން ނެރުނު ލިސްޓުގައި އިނީ 60 ޕޮއިންޓް ކަމަށެވެ. އެގޮތުން 20 ޕޮއިންޓް މަދުކޮށްފައިވަނީ މާލޭގައި ދިރިއުޅޭ ކަމަށް ބުނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަޅުގަނޑަކަށް ނޭނގޭ އެ މަދު ކުރީ ކިހިނެތް ކަމެއް. އެމީހުން އިނީ މާލޭގައި ނުވަ އަހަރު އުޅޭ ކަމަށް ބުނެފައި. އެކަމަކު ދަފްތަރުގައި އުޅޭތާ 13 އަހަރު ވެއްޖެ. އަޅުގަނޑަކަށް ނޭނގޭ އެކޮޅުން އެ ޕޮއިންޓް ދެނީ ކޮންގޮތަކަށް ބަލާފައި ކަމެއް" ޕްރޮގްރާމްގައި ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"ހަ އަހަރު ދަފްތަރުގައި ދިރިއުޅުނު މީހާއަށްވެސް އެބައިން ފްލެޓް ލިބުނު ކަމަށް. އެކަމަކު އަޅުގަނޑުމެންނަކަށް ނުލިބޭ"

އެމީހާ ބުނީ، އެމީހުން ދިރިއުޅޭ ހާލަތު ބަލަން ވަކި ބަޔަކު ދިޔަ ކަމަށާއި އެމީހުންގެ ހާލަތަށް ބަލާފައި އެމީހުން "މީހަކަށް ދެންޏާ މިއީ ދޭންވާ ބައެއް" މިފަދައިން ބުނެފައިވާ ކަމަށެވެ. ނަމަވެސް ލިސްޓް ނެރޭއިރު ޝަރުތު ހަމަނުވާ ކަމަށް އިނުމުން ހައިރާން ވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ނިކަމެތިން ހަމަ ނިކަމެތި މިވަނީ. އެމީހުންގެ ޖީބަށް އެ ހުރިހާ ފައިސާ ވައްދައިގެން އެކަހަލަ ވިޔާނުދާ އަމަލު އެމީހުން އެކުރަނީ. ބޯހިޔާވަހިކަމަށް މުޅި މަކަރު އެހަދަނީ" އޭނާ ބުންޏެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދެއްކި އެހެން މީހަކު ބުނީ، އޭނާ ކުރިމަތި ލާފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ހުރުމުން ހާއްސަ އެހީއަށް ބޭނުންވާ ކެޓެގަރީއަށް ކަމަށެވެ. އޭރު 80 އަށްވުރެ މަތިން ދެމަފިރިންނަށް ޕޮއިންޓް ލިބިފައިވާ ކަމަށާއި ނަމަވެސް އެކަކު ދޫކޮށްލަން ޖެހޭތީ އަންހެނުން ދޫކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަންހެނުން ދޫކުރިއަސް އޭރު ލިސްޓް ބުނާ ގޮތުން އޭނާއަށް ލިބޭ ކަމަށާއި މިފަހަރު ލިސްޓު ހަދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވި ބަޔަކު އައިސް، "އާންމު މައުލޫމާތާއި" ބެހޭ ފޯމެއް ފުރިހަމަ ކުރި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ބުނިން ދަރިފުޅަކީ ސިކުނޑީގެ މައްސަލަ އެއް ހުންނަ ކުއްޖެއް ކަމަށާއި އާއިލާއާއި އެކީ އުޅެން އުނދަގޫ ވާހަކަ. އެމީހުންވެސް ބުނި ދަރިފުޅު އުޅޭގޮތުން ދަރިފުޅު ގޮވައިގެން އެގޮތަށް އެހެން މީހުންނާއި އެކީ އުޅެން، ދަރިފުޅުގެ ހަރަކާތް ހުންނަ ގޮތުން އެހެން މީހުންނަށް އުނދަގޫވާނެ ކަމަށް" އެފިރިހެން މީހާ ކިޔައިދިނެވެ.

އެގޮތަށް ވާހަކަ ދެއްކުމުން ފްލެޓު ދޭނެ ކަމުގެ ޔަގީން ކަން ދިން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ފަހުން އާންމު ކުރި ލިސްޓުގައި އޭނާގެ އަންހެނުންނަކީ މާލޭ ރަށްވެއްސެއް ނަމަވެސް ލިބިފައިވަނީ 61 ޕޮއިންޓް ކަމަށާއި ނަމަވެސް އޭނާއަށް ލިބިފައިވަނީ 67 ޕޮއިންޓް ކަމަށެވެ.

އެހެން މީހަކު ބުނެފައިވަނީ ކުރީ ސަރުކާރުން ލިސްޓް އާންމު ކުރިއިރު ލިބިފައިވަނީ 85 ޕޮއިންޓް ކަމަށާއި މި ސަރުކާރުން އާންމު ކުރި ލިސްޓުގައި އިންނަނީ 55 ޕޮއިންޓް ކަމަށެވެ.

"މަންމަ އަކީ 89 އަހަރުގެ މީހެއް. އަޅުގަނޑުމެން މަތީގައި ޑެގު އަޅައިގެން އުޅެނީ. ދެން ވާގޮތަކީ މަތީ ފާހަނަ ބޭނުން ކޮށްލީމަ މަންމަ ނިދާ ކޮޓަރިއަށް ލީކު ކުރަނީ. ފާހަނާ ތަޅެއް ނުލެވޭނެ. ފެންވަރައެއް ނުލެވޭނެ. އެފަދަ ހާލެއްގައި އަޅުގަނޑުމެން އުޅެނީ" އެ އަންހެން މީހާ ބުންޏެވެ.

ކުރީ ސަރުކާރުން ފްލެޓް ދީފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެފައިވާ ފަރާތްތަކަށް މިސަރުކާރުން ފޮއިންޓް މަދުކޮށް، ފްލެޓް ނުލިބޭނެ ކަމަށް ލިސްޓް އާންމު ކޮށްފައިވާތީ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ބޮޑުވަގު

  2. Anonymous

    ރަނގަޅައްވެއްޖެއްޔާ ތިޔަމީހުންނަކީވެސް އިބޫސޯލިހައް ވޯޓްދިންމީހުން. ސުކުރިއްޔާ

  3. މޯދީ

    މީނަމީ މާ އިންސާފުން ފުލެޓް ދިން މީހެއްތަ؟ މީނަގާތު އަހާބަލަ 700 ފްލެޓް ބަހާލިގޮތުގެ ތަފްޞީލް ހާމަނުކުރީ ކީއްވެތޯ؟ މިނިސްޓަރުގެލިސްޓަކާއި މެޑަމްގެ ލިސްޓަކާ ރައީސްގެ ލިސްޓެއް ހަދައިގެން ފްލެޓްތައް ބޭނުންބަޔަކަށް ބަހާފަ ލިސްޓް ހާމަކޮށްލަންވެސް ނުކެރުނީ ކީއްވެތޯ އަހާލަދީބަލަ.

  4. ހޫދު

    މިހާރު އަޑުތައެބައިވީ އެއްވެސް ނޫހެއްގަ ފުލެޓުގެވާހަކަ ނުޖަހަން ބަދަލުގަ ކޮންމެ މަހަކު ވަކިވަރަކަ ކޮންމެ ނޫހަކަވެސް ލާރިދޭގޮތަ ނިއްމާފިޔޯ.