އިސްރާއީލުން ފަލަސްތީނުގެ 60 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދު ކޮއްލައި ހިންގި ގަތުލު އާންމު ތަހުގީގު ކުރަން އިއްޔެ އދ ގެ ސަމަތީ މަޖިލީހުގައި ނެގި ވޯޓުގައި ދެ ގައުމެއް ފިޔަވާ އެހެން ހުރިހާ ގައުމަކުން އެ މައްސަލަ ތަހުގީގު ކުރަން ވޯޓް ދީފިއެވެ.

އެ ގޮތުން އިސްރާއީލުން ހިންގި ގަތުލުއާންމު ތަހުގީގު ކުރުމާއި ދެކޮޅަށް ވޯޓް ދީފައިވަނީ އިސްރާއީލުގެ އެކުވެރި އެމެރިކާ އަދި އޮސްރާއީލިއާއިންނެވެ. މި ވޯޓުގައި ބައިވެރިވި 31 ގައުމުގެ ތެރެއިން 29 ގައުމަކުން ވަނީ މި މައްސަލަ ތަހުގީގު ކުރަން ވޯޓް ދީފައެވެ. މި މައްސަލަ ތަހުގީގު ކުރަން ވޯޓް ދީފައިވާ ގައުމުތަކުގެ ތެރޭގައި , މިސްރު , އިރާގް, ޕާކިސްތާން , ގަތަރު , ޗައިނާ ހިމެނެއެވެ.

އިސްރާއީލްގެ ލާއިންސާނީ އަމަލުތައް ތަޙްޤީޤު ކުރަން މިނިވަން ކޮމިޝަނެއް އުފައްދަން އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލުން ވަނީ މިހާރު ވަނީ ފާސްކޮށްފައެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލުން މިހާރުން މިހާރަށް މިނިވަން ކޮމިޝަނެއް އުފައްދާ ދެފުއް ފެންނަ މިނިވަން ތަޙްޤީޤެއްކޮށް ގެއްލިފައިވާ ފަލަސްތީން ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް ރާއްޖެއިން ވެސް ވަނީ ގޮވާލާފައެވެ.

ގުދުސް އަށް އެމެރިކާގެ އެމްބަސީ ބަދަލުކުރުމުން ފަލަސްތީނުގެ ޣައްޒާގައި ވަނީ ވަރުގަދަ މުޒާހާރާތަކެއް ވެސް ކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ވަނީ ހަމަލާތަކެއް ވެސް ދީފައެވެ.

ޣައްޒާގައި އިސްރާއީލުން މިދިޔަ ހޯމަ ދުވަހު ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 62 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 3000 ވުރެ މައްޗަށް އަރައެވެ.

ހޯމަ ދުވަހު ދޭންފެށި މި ޙަމަލާތަކުގައި އަންހެން ކުއްޖަކު ހިމެނޭގޮތަށް ޖުމްލަ މިހާތަނަށް ހަ ކުއްޖަކު ޝަހީދުކޮށްލާފައިވެއެވެ. އިސްރާއީލުގެ މި އަމަލު ދުނިޔޭގެ ބޮޑު ބާރުތަކުން ވަނީ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނެރު

    އެންމެ ދެ ގައުމު ދެކޮޅުހެދީމަ ދެން އެނިމުނީ އިތުރު ގަތުލު އާންމު ހިންގާނެ އިސްރާއީލުން

  2. ރީތި މޫސަ

    ތިބައިމީހުން ދުރަށްޖައްސާ ފަލަސްތީނަށް މިނިވަންކަންލިބުން އެއީ މުސްލިމް އެންމެންގެ ދުޢާ ޔާﷲ ފަލަސްތީނުގެ ރައިއްޔަތުންނަށް ނަސްރުދެއްވާފާދޭވެ. އާމީން