ރާއްޖޭގައި ހިނގާ ކުށްތަކުގެ 70 އިންސައްތަ އަކީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތައްކަމަށް ހޯމް މިނިސްޓަރ ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު، އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވިހުރި 324 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ސީރިއަސް އެއް މައްސަލަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ހިނގާ މާރާމާރީގެ މައްސަލަތައް ފަދަ ކަންކަމާއި، މަސްތުވާތަކެއްޗާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ.

މީގެ އިތުރުން 2011 ވަނަ އަހަރު މަސްވާތަކެތީގެ ޤާނޫނު ވުޖޫދަށް އައި ނަމަވެސް މިސަރުކާރު އައުމާއި ހަމައަށް ނައްތާލެވިފައިވަނީ 32 ކިލޯގެ މަސްތުވާތަކެތިކަމަށާއި، މަސްތުވާތަކެތި ނައްތާލުމަށް އެންމެ ބޮޑެތި މަސަައްކަތްތަކެއް ކުރައްވާފައި ވަނީ މި ސަރުކާރުން ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިދިޔަ އަހަރު ފުލުހުންގެ ކޮމިޝަނަރުކަމަށް ސީޕީ ހަމީދު ޙަވާލުވެވަޑައިގެންނެވުމަށް ފަހު މިސަރުކާރުގެ ސިޔާސަތުގެ ދަށުން މަސްތުވާތަކެތި އަވަހަށް ނައްތާލުމަށް ކުރިއަށް ގެންދަނީ ވަރަށް ބޮޑު މުހިންމު ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

" 2019 ވަނަ އަހަރުގެ ޖޫންމަހުން ފެށިގެން މިކުރެވުނު މަސައްކަތުން މިއަދު މިނައްތާލި ތަކެއްޗާއެކު މިނައްތާލެވުނީ އެއް ޓަނާއި އެއް ސަތޭކަ ހަކިލޯގެ މަސްތުވާތަކެތި." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ކޯޓު މަރުހަލާގައި އެފަދަ މައްސަލަތަކުގައި ހިމެނޭ މީހުން އެކި ސަބަބުތަކާއި ހުރެ މިނިވަންވާ މައްސަލަކަމަށެވެ.

އެފަދަ މީހުން މުޖުތަމައުއަށް ދޫވުމުގެ ސަބަބުން މުޅި މުޖުތަމައު ނުރައްކަލަށް ހުށަހެޅޭކަމަށް ވެސް އިމްރާން ފާހަގަކުރެއްވިއެވެ.

"ކޯޓުގެ މަރުހަލާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އިސްފަރާތްތަކުން އެކިގޮތްގޮތުން ސަލާމްތވެގެންދާ ދިއުމަކީ އަޅުަގަނޑުހިތުން މުޖުތަމަޢުއަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. އެހެންކަމުން ޝަރުޢީ މަރުހަލާގަ މަސްތުވަތަކެތީގެ ވިޔަފާރިކުރާ މީހުން ސަލާމަތްވެގެން ދިއުމަށް ހުރި މަގުތައް ބަންދުކުރުމަށް މުޅި މުޖުތަމަޢު މަސައްކަތްކުރަންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުކުރެވޭނީ ، ޖަމިއްޔާ ޖަމާއަތްތަކާއި އަދި ސިޔާސީ ޕާޓީތަކާއި، ވިަފާރިވެރިންނާއި ދައުލަތުގެ ހުރިހާ މުއައްސަސާތައް ވަރަށް އެކުވެރިކަމާއެކު މަސައްކަތްކޮށްގެން ކަމަށް ވެސް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މަސްތުވާތަކެތި މުޖުތަމަޢުން ނެތިކޮށް އެތަނެތި ބޭނުންކުރާ ޒުވާނުން ރިހިބިލިޓޭޓްކުރުމަށް އަދިވެސް ކުރަން ޖެހޭ މަސައްކަތްތަކެއް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުދުވާނޑި މުހުންމާ

    މިނިސްޓަރު އަދި ތިވިދާޅުވީ ރަނގަޅަކަށްނޫން، ރާއްޖޭގައި ހިނގާ ކުށްތަކުގެ 70 އިންސައްތަ ގުޅިފައި ވަނީ ސިޔާސީ ފިތުނައާއި ބާރުވެރިކަމާއި.
    ޑްރަގް އެތެރެކުރާމީހާއާއި ވިއްކާމީހާއާއި ބޭނުންކުރާމީހާ އާއި، ވައްކަން ކުރާމީހާއާއި، ތޫނު އެއްޗެހިން ހަމަލޭދޭ މީހުން އެކަން އެކުރަނީ ސިޔާސީ ބާރުވެރިންގެ ހިމާޔަތުގައި. ގާނޫނުގައި ހުންން ލޫޕްހޯލްގެ ބޭނުން ހިފައިގެން ގާނޫނީ ވަކީލުން އެކޮށްދޭ މަސައްކަތުގެ ނިވަލުގައި. ކުށްކުރާމީހުން މިއަދު ކުށުގެވެށިން ހައްޔަރުކުރާ އިރު މާދަމާ އެމީހުން ދޫކޮށްލެވެނީ ހެކިނެތިގެން. ނުވަތަ ދިގުބަންދެއްގައި ގެންގުޅެފައި ކޯޓުމަރުހަލާއިން އެމީހުން ސަލާމަތްވަނީ އެއްކަލަ ގާނޫނީ ވަކީލުންގެ ކުޅަދާނަކަމުން. ނުވަތަ އެމީހުން ދޫކޮށްލަން މަޖުބޫރުވަނީ ސިޔާސީ ބާރުވެރިޔާގެ އަމުރަށް ކިޔަމަންވާންޖެހިގެން.
    މިނިސްޓަރޫ ގަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް މިއީ މިކަން ހިނގާގޮތް. އަދި މިނިސްޓަރުމެން ތިއުޅޭ ގޮތުން މިކަން ހިނގާންވެސް އޮތްގޮތް. މާދަމާ މިނިސްޓަރުކަމުން ވަކިވާއިރަށް މިނިސްޓަރަށްވެސް އެކުދިންގެ ބޭނުން ޖެހޭނެ. ދެން ޖެހޭނީ އެކުދީން ބުނާގޮތަކަށް ހަދާކަށް ނޫންތޯ.

    12
    1