މެންޗެސްޓަރ ޔުނައިޓެޑުން މި ސީޒަންގައި ހިލޭ ޓްރާންސްފަރ އެއްގެ ދަށުން އެ އެޓީމަށް ގެނައި އުރުގުއޭގެ ތަރި އެޑިންސަން ކަވާނީއާއި އެކު ޓީމުގެ ހަމަލާތައް ވާދަވެރި މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލްއާ އެއް ފަންތިއެއްގައި ހުންނާނެކަމަށް ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ޑްވައިޓް ޔޯކް ބުނެފިއެވެ.

ކަވާނީ ޕީއެސްޖީއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމާއެކު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން އޭނާގެ ސޮއި ހޯދާނެކަމަށް ބެލެވުނު ނަމަވެސް އެންމެ ފަހުވަގުތު ތަޖުރިބާކާރު ފޯވާޑްގެ ސޮއި ހޯދީ ޔުނައިޓެޑުންނެވެ. އަދި ސޮއިކުރުމާއެކު ކަވާނީއަށް ވަނީ ޔުނައިޓެޑްގެ އެންމެ ޝަރަފުވެރި ޖާޒީ ނަންބަރު ކަމަށްވާ "7" ނަމްބަރު ޖާޒީ ވެސް އޭނާއަށް ދީފައެވެ.

މީގެކުރިން މި ޖާރޒީގައި ދުނިޔޭގައި އުފެދުނު ފާހަގަކޮށްލެވޭ މޮޅު ފުޓުބޯޅަ ކުޅުންތެރިން ކުޅެފައިވެއެވެ. އޭގެ ތެރޭގައި އެރިކް ކެންޓޯނާ، ޑޭވިޑް ބެކަމް، އަދި މިހާރު ޔުވެންޓަސްއަށް ކުޅެމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯ ފާހަގަކޮށްލެވެއެވެ.

ޔޯކް އިތުރަށްބުނީ އެންތަނީ މާޝިއަލް އާއި މާކަސް ރަޝްފޯޑް ފަދަ ކުޅުންތެރިންނާއިއެކު ކަވާނީ ކުޅޭނަމަ އެހެން ޓީމް ތަކަށް ޔުނައިޓެޑްގެ ފޯވާޑްލައިން ހުއްޓުވަން އުނދަގޫ ވާނެކަމަށެވެ. އަދި މީގެކުރިން ޒްލަޓަން އާއި އެކު ޓީމުއޮތްހާ ފަރުގަދަކޮށް ދެން ޔުނައިޓެޑް ފެނިގެންދާނެ ކަމަށް ޔޯކް ބުނެފައިވެއެވެ.

ޕީއެސްޖީގައި މޮޅު ކުޅުމެއް ދެއްކި ކަވާނީ ވަނީ އެ ކްލަބުގައި ހޭދަކުރި މުއްދަތުގައި 301 މެޗު ކުޅެދީ 200 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ އަކީ މިހާތަނަށް ޕީއެސްޖީއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެެވެ. މީގެކުރިން ނާޕޮލީއަށްވެސް ކުޅެދިން ކަވާނީ ވަނީ އުރުގުއޭގެ ގައުމީ ޓީމަށް 116 މެޗު ކުޅެދީ 50 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މަހުގެ 20 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޕީއެސްޖީ އާއި ދެކޮޅަށް ޔުނައިޓެޑް ނިކުންނާނެއެވެ. އެ މެޗުގައި ކަވާނީ އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ.