މަސްވެރިއަކު ކޮވިޑް-19 އަށް ފައްސިވުމުން ދ. ބަނޑިދޫ ދޯންޏެއް ކަރަންޓީނު ކޮށްފިއެވެ.

ބަނޑިދޫ ކައުންސިލްގެ ރައީސް ހަސަން ހަނީފް "ވަގުތު" އަށް ވިދާޅުވީ، އެ ދޯންޏަކީ އެރަށު ކަންނެލި ބާނަން ދާ "އާ ރޯދި" ނަމަކަށް ދޯންޏެއް ކަމަށާއި އެ ދޯނީގައި ޖުމްލަ 18 މީހަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ދޯނިން މާލެއަށް ފޭބި މީހާ ފައްސިވެފައިވާ ކަން އެނގިފައިވަނީ މާލޭގައި ވަކިި ތަރުތީބެއް ނެތި ސުންކު (ސާމްޕަލް) ނަގަމުން ދިޔަ ވަގުތެއްގައި އޭނާގެ ސުންކު ނަގައި ޓެސްޓު ކުރުމުން ކަމަށް ހަނީފް ވިދާޅުވިއެވެ.

"ދޯނީގެ ފަޅުވެރިއަކު މާލެއަށް ފޭބީ. ދެން ފުރަންވެގެން އޭނަ ދޯންޏަށް އެރީ. އެރުމުގެ ކުރިން މާލޭގައި އޭނަ އުޅެނިކޮށް، ތަރުތީބެއް ނެތި ނެތި ސުންކު ނެގިއިރު، އޭނާގެ ނެގީ." ހަނީފް ވިދާޅުވިއެވެ.

އެމީހާއަކީ އުމުރުން 30 އަހަރުން ދަށުގެ މީހެއް ކަމަށާއި އޭނާގެ ފައްސިވެފައިވާ ކަމުގެ ނަތީޖާ ލިބިފައިވަނީ ދޯނި ކަނޑުމަތީގައި އޮތްވާ ކަމަށް ހަނީދު ވިދާޅުވިއެވެ

އެމީހާ ފައްސިވުމުން އަނބުރާ ދޯނި މާލެ ގޮސް އެޗްޕީއޭއާއި މަޝްވަރާ ކޮށްފައިވާކަން ހަނީފް ވަނީ ފާހަގަ ކޮށްފައެވެ.

އެ ދޯނިން ފައްސިވެފައިވާ މީހާ ހުރީ ކަރަންޓީނު ފެސިލިޓީއެއްގައެވެ. އަދި ދޯނީގައި އެވަގުތު ތިބި މީހުންގެ ތެރެއިން ހައި ރިސްކުގެ ގޮތުގައި ހިމެނޭ ޑައިބެޓީސް މީހަކާއި 55 އަހަރުން މަތީގެ މީހަކާއި ހައިޕަޓެންޝަން މީހެއްގެ ސުންކު ނެގި ކަމަށް ހަނީފް ވިދާޅުވިއެވެ. މިމީހުންގެ ސުންކު ނައްސިވެފައިވާއިރު، އިތުރު މީހުންގެ ސުންކު ނެގުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.

ހަނީފް ވިދާޅުވީ، ދޯނި މާލެ ދިޔަނަމަވެސް ދޯނީގެ ކެޔޮޅު މީހާއާއި އެޗްޕީއޭއާއި ވާހަކަ ދައްކައިގެން މާލޭގައި ދޯނި ކަރަންޓީނު ނުކޮށް، ރަށުގައި ކަރަންޓީނު ކުރެވޭނެ އިންތިޒާމު ހަމަޖެހުނު ކަމަށެވެ. އެގޮތުން މިހާރު ރަށުގެ ބަނދަރުގެ ވަކި ސަރަހައްދެއްގައި ދޯނި ކަރަންޓީނު ކޮށްފައިވާ ކަމަށް ހަނީފް ވިދާޅުވިއެވެ.

އުސޫލެއްގެ ގޮތުން ބުނާނަމަ ރަށަކުން މީހަކު މާލެއަށް އަރައި އަނބުރާ ދާނަމަ 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭނެއެވެ. އެހެން ނަމަވެސް އެ ދޯނީގެ ފަޅުވެރިޔާ ފައްސިވެފައިވަނީ އުސޫލުތަކަށް ނުބަލާ ފަރުވާ ކުޑަ ކުރުމުން ކަމަށްވެސް ހަނީފް ވަނީ ވިދާޅުވެފައެވެ.

"އަސްލު މިކަހަލަ ކަންކަން މިގޮތަށް ދިމާވަނީ އޮންނަ އުސޫލާއި ފަރުދީ ޒިންމާ އަދާ ނުކުރާތީ މިކަންކަން މިގޮތަށް ގޯސްވެގެން ދަނީ." ހަނީފް ވިދާޅުވިއެވެ.

ހަނީފް އިތުރަށް ވިދާޅުވީ، ދޯނި ރަށުގައި ކަރަންޓީނު ކޮށްފައިވާ ކަން ރަށުގެ އާންމުންގެ ސަމާލު ކަމަށް ގެނެސް އެ ސަރަހައްދާއި ކައިރިނުވުމަށް އިލްތިމާސް ކޮށްފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަނޑިދޫ މީހާ

    ކީއްވެތޯ ބަނޑިދޫ އަށް ކަރަންޓީނަށް އައި ދޯނީ މީހުން ގޭގައި ތިއްބާ ގެނެސް ކަރަންޓީންއަށް ގެނައި ވާހަކަ ނުލިޔުނީ! ކައުންސިލް ރައީސް

    2
    3
  2. މެދުއިރުމަތި

    ށ.ފޮނަދޫ ކައުންސިލުން ފޮނަދޫ ޕޮލިސް ސްޓޭޝަން ވެސް މިހާރު ވަނީ ކަރަންޓީން ކުރެވިފައި.