އދ. ފެންފުށީ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ބައިކިލޯއަށްވުރެ ގިނަ ކްރިސްޓަލް މެތު އާއި އެކު މީހަކު ހައްޔަރުކޮށްފިއެވެ. ކްރިސްޓަލް މެތު އަކީ މަސްތުވާތަކެތީގެ ބާވަތެކެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމަށް ޝައްކުކުރެވޭ ކްރިސްޓަލް މެތު ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސް އަދި ފެންފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އދ.މާމިގިލި ޕޮލިސް ސްޓޭޝަނާއި ފެންފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭމުންދާ ގެ ބަލައިފާސްކުރިއިރު، އޭނާ އުޅެމުންދާ ކޮޓަރި ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކްރިސްޓަލް މެތުކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ކޮތަޅާއި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 536.2 ގްރާމް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ 39 އަހަރުގެ މިހާއަކީ އދ.އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހު މުއްދަތެއް ދީފައެވެ.

މިމައްސަލަ އދ.ފެންފުށި އަދި މަހިބަދޫ ޕޮލިސް ސްޓޭޝަން ގުޅީގެން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު އަންޖުމް

    ހަމަ އެއްކަމެއްވެސް ނުވާނެ ކިތަންމެ ބައިވަރެއް އަތުގަ ހުރެފަ ބޮއިގެން ހުއްޓަސް ހަމަ މާދަމާ ދޫކުރާނެ ތީ ފަހެ ކަންދައްކަން ނުވަތަ ކަންކުރެވޭކަން އިސްތިހާރު ކޮށްލަނީތަ ނޫނީ ފަލަސުރުހީގަނޑަކުން ތާއީދު ހޯދަނީކީ ނޫންތަ ދެން ޓެކްސް ނަގާފަދޫކޮށްލާ ބޯހަލާކު