މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ގައުމީ ލަވަ ސީޑީގެ 19 ވަނަ އަލްބަމު ނެރެފިއެވެ.

އެމްއެންޑީއެފް އިން މި ލަވަ އަލްބަމް ނެރެފައި ވަނީ މިއަދު ފާހަގަކުރާ ގައުމީ ދުވަހާ ގުޅުވައިގެންނެވެ. އެމްއެންޑީއެފް އިން ނެރުނު ލަވަ އަލްބަމްގެ ނަމަކީ "ތެދުވެރިކަން - ގައުމިއްޔަތުގެ އަސްލު" އެވެ.

އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ފުންނާބު އުސްކޮށް ހަރަކާތްތެރިވަމުން އަންނަ ލަވަކިއުންތެރިން ހިމަނައިގެން ހަދާފައިވާ މި އަލްބަމުގައި ޖުމްލަ އަށް ލަވައެއް ހިމެނެއެވެ.

މި ލަވަތަކުގެ ޅެން ހަދާފައި ވަނީ އަމީނާ މުފީދު، ޕްރައިވެޓް މުޙައްމަދު މާހިދު (މާޓު)، އަލީ ޖައިޝާން އާމިރު، ކޮމާންޑް ސާޖަންޓް މޭޖަ އަބްދުﷲ ސައީދު، ޖައުފަރު އަބްދުލް ރަޙްމާނު، އަދި މުހައްމަދު އަބުދުލް ޣަނީ ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ އަލްބަމުގައި ވެސް އެމްއެންޑީއެފް އިން ވަނީ ގައުމީ ވަންތަކަން ދައްކުވައިދޭ، ލެޔާ ކުޅެލާ ފަދަ ލަވަތަކެއް އަދި ޅެންތަކެއް ހިމަނާފައެވެ.

މި އަލްބަމުގައި ހިމެނޭ ލަވަކިއުންތެރިންތަކުގެ ތެރޭގައި އިސްމާއީލް އައްފާނު، މުހައްމަދު ޝިއުޒު، މުޙައްމަދު މާހިދު (މާޓު)، ފަސްޓް ލެފްޓިނަންޓް ހުސައިން އަލީ، ވޮރަންޓް އޮފިސަރު 1 އަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)، ޕްރައިވެޓް އައިމިނަތު އަނާނާ، އައިޝަތު ޖައިޝާ ވަހީދު، މުސާ ތޯރިގް، ޚަދީޖާ މުހައްމަދު (ރިޒޫ)، މުޙައްމަދު ސުހެއިލް، އަހްމަދު ޖައިލަމް (ބޭ)، ޑރ. ފާތިމަތު ޝިފްނާ (ޝިފޫ )، ޕ. މޫސާ ކަލީމް، އަދި ޝަލަބީ އިބުރާހިމް، މަރިޔަމް އަޝްފާ، މުޙައްމަދު އަބުދުލް ޣަނީ، ސައިނާ، ސަމާ، ޖައިޝާ، ހުސައިން ހަމްދޫން، ރާފިޔަތު ރަމީޒާ، އިބްރާހީމް ވަޙީދު (ބޮޑުބެ)، އިބްރާހީމް މަމްދޫހު (މަންޑޭ)، ޙަސަން ތޮލާގް، ނާޝިދާ އަހްމަދުގެ އިތުރުން މަރިޔަމް އުނޫޝާ ހިމެނެއެވެ.

އެމްއެންޑީއެފް އިން މިފަހަރު ނެރުނު އަލްބަމުގައި ބައެއް ވީޑިއޯ ލަވަތައް ވެސް ވަނީ ހިމަނައިފައެވެ. މިހާރު އެމްއެންޑީއެފްގެ ޔޫޓިއުބް ޗެނަލަށް އެ ލަވަތައް ވަނީ އަޕްލޯޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓަކަފިރޯށި

    ފިނދަނަތަކަށް ވާނެކަންކަން ތިކުރަނީ! ދެންކުރެވޭނެ ކަމަކީ ހުކުރު މާމިސްކިތެއްވަރު ބަތްތައްޓެއް އެޔާވާނެ ރިހައާއެކު ކެއުން! އިސްކޮޅުވަރު ދޮންކެޔޮގަނޑަކާ އެޔާވާނެ އަވެލި މޮޑެގެން ކައިގެން ހަތަރުދަމު ނިދުން!

  2. ޔޫނުސް

    ގައުމީ ވަންތަ ކަމުންގޮސް ހީވާކަހަލަ މެޓަލިކާގެ އަލްބަމެއްގަ އުޅޭހެން.