މުޅި ދުނިޔެއަށް ނުރައްކާ ކުރަމުންދާ ކޮވިޑް-19 ގެ ބިރާއި ރާއްޖެއަށް ވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން ރާއްޖެއިން މިބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނައިރު، ބަލި ފެތުރޭ މިންވަރަށް އަދިވެސް މާބޮޑު ހިފެހެއްޓުމެއް ނާދެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ދޭ 919 މީހަކު އެބަތިއްބެވެ. އިއްޔެ އާއި ހަމައަށް މިއަދަދު ހުރީ 931 ގައެވެ.

އިއްޔެ ވެސް ރާއްޖެއިން އިތުރު 33 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ ރާއްޖެއިން ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 13 ބިދޭސީއެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 11391 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 7290 ދިވެހިންނާއި 4101 ބިދޭސީއެކެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

ރައްޖޭގައި ކޮވިޑް-19 އަށް ފަރުވާ ކުރަމުންދާ މީހުންގެ ތެރެއިން 38 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުން ވެސް ކޮވިޑް-19 ގެ ވޭދަނަތައް ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އަތޮޅުތެރެއިން ބަލީގެ 9 ވޭދަނަ ފެންމަތިވެފައި ވެއެވެ. މާލެ ސަރަޙައްދުން އިއްޔެ ފެންމަތިވެފައި ވަނީ 24 ވޭދަނައެވެ.

މިވަގުތު މާލޭގެ އިތުރުން އަތޮޅުތެރެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ ގިނަ މީހުންނަކީ، މާލެއިން ރަށްރަށަށް ދަތުރުކޮށް ކަރަންޓީނަށް ފޮނުވާފައިވާ މީހުންނެވެ. މުޖުތަމަޢުގެ ތެރެއިން އެންމެ ބޮޑަށް ބަލި ފެތުރެމުން ދަނީ ވެސް މާލޭގައެވެ.

އެޗްޕީއޭއިން ވިދާޅުވީ މިވަގުތު ރާއްޖޭގެ 21 ރަށެއްގައި އާއި 23 ރިސޯޓެއްގައި ކޮވިޑް-19 ވޭދަނަތައް ހުރި ކަމަށެވެ. ރިސޯޓުތަކުން މި ބައްޔަށް އަށް ފައްސިވި މީހުންގެ ތެރޭގައި މިވަގުތު ފަރުވާ ހޯދާ 22 ފަތުރުވެރިޔަކާއި 34 މުވައްޒަފަކު އެބަތިއްބެވެ.

ރާއްޖެއިން މިހަތަނަށް ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 10428 މީހެކެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިއްޔެ ރާއްޖެއިން ބަލިން ރަނގަޅުވެފައި ވަނީ 45 މީހެކެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން 37 މީހަކު ނިޔާވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 30 ދިވެއްސަކާއި ހަތް ބިދޭސީއެކެވެ. މީގެ އިތުރުން ރާއްޖޭގައި ސިއްޙީ އެހެން ހާލަތްތަކުގައި ނިޔާވި ބައެއް މީހުންވެސް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އައިސޮލޭޝަނުގައި 329 މީހަކު އެބަތިއްބެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޖުމްލަ 183,127 ސުންކު (ސާމްޕަލް) ނަގާފައި ވެއެވެ. ރާއްޖެއިން މި ބަލި ފެނުނުތާ މިހާރު ވަނީ 230 ދުވަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮމެޮނެ

    ދެން އަތް ޖަހަންވީ ނޫންތޯ؟