ރާއްޖޭގައި ހަދަމުންދާ ރިސޯޓަކުން 63 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

63 މީހަކު ފައްސިވެފައި ވަނީ ރ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކުޑަކުރަތުގައެވެ. އެރަށުން މި މަހުގެ 21 އާއި 23 އާއި ދޭތެރޭ 11 މީހަކު ފައްސިވެފައި ވާއިރު، މިއަދު އެރަށުން 52 މީހަކު ވަނީ ފައްސިވެފައެވެ.

ހެލްތު ޕްްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައި ވަނީ އެރަށުން ވައިރަހުގެ އަލާމަތްތައް ބައެއް މީހުންގެ ފަރާތުން ފެންނަން ފެށުމާއި ގުޅިގެން މި މަހުގެ 21 އަދި 22 މި ދެދުވަހު ޖުމްލަ 89 ސާމްޕަލް ނަގާފައިވާ ކަމަށެވެ.

މި ރަށުން ފައްސިވި މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ ބ.އޭދަފުށީ ކޮވިޑް ފެސިލިޓީގައެވެ. މިފަހަކަށް އައިސް ރާއްޖެ އިން މީހުން ފައްސިވާ އަދަދު މަދުވެފައި ވަނިކޮށް، މި ރަށުން ގިނަ ބަޔަކު ފައްސިވުމާއި އެކު މިއަދުގެ ޖުމްލަ ވޭދަނަ (ކޭސް) ތައް ވަނީ 84 ށް އަރާފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެންވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭއިރު، ވީހައިވެސް ބޮޑަށް ގައިދުރު ކުރުމަށް ސަމާލުކަން ދީ، އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރަން ހާއްސަ އިސަކަމެއް ދޭން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޠާހައިދާލު

    ކުޑަކުރަތުގައި މަސައްކަތްކުރާ މީހުން ޞިއްޙީ ފަރުވާ ހޯދުމަށް ދާ ތަނަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް. ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ ބަޔަކު ހޮސްޕިޓަލަށް ޒިޔާރަތްކުރަމުންދާއިރު، ޢާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ހޮސްޕިޓަލުގެ މެނޭޖުމަންޓަށް ގޮވާލަން. އުއްމީދު ކުރަނީ ރ.އަތޮޅުގެ ރަށްރަށުގެ ބައެއް ޞިއްޙީ މަރުކަޒުތަކަށް ގެއްލުން ދިނީމާ އެފަދަ މައްސަލަތައް އެބަ ބަލަމާ ބުނެ އޮއްބާލާހެން މިކަމުގައި ކަނު ލޮލަކުން ނުބަލާނެކަމަށް.