ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށްވާ ކ. ތަނބުރުދޫ ތިލައިގެ ޒޮނޭޝަން މުރާޖައާކޮށް، ތަނބުރުދޫ ހިމެނޭގޮތަށް ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި އެ ސަރަހައްދު ކަނޑައަޅައިފިއެވެ.

އެ ސަރަހައްދު ހިމާޔަތް ކުރަން ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވަނީ ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމަށްފަހު ވަޒީރުންގެ ލަފާގެ މަތިންނެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެންވަޔަރަންމަންޓުން މިނިސްޓްރީ ހުށަހެޅުއްވި ކަރުދާހަކަށް މަޝްވަރާކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ ސަރަހަައްދަކަށް ވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ސަރަހައްދު ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުއްވި މައިގަނޑު މަގްސަދަކީ، ކ. ތަނބުރުދުއާއި އެ ރަށް ވަށައިގެންވާ މާހައުލަކީ ވެސް ގުދުރަތީ އަދި ތަބީއީ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދެއްކަމުގައި ވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ،

މިއަދުގެ ބައްދަލުކުރެއްވުމުގައި މި ސަރަހައްދުގެ ހާއްސަ ސިފަތަކުގެ މައްޗަށް އީޕީއޭއިން ތައްޔާރުކޮށްފައިވާ ޓެކްނިކަލް ސާވޭ ރިޕޯޓަށާއި، އަދި މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަންއިން ތައްޔާރުކޮށްފައިވާ "ކ. ތަނބުރުދޫ ގުދުރަތީ އާސާރެއް،" މި ކަރުދާހުގެ މައްޗަށް ބައްލަވާފައިވެއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން ބޮޑުތިލަދުންމަތީގެ 14 ސަރަޙައްދަކާއި، އައްޑޫ ސިޓީގެ ހަތަރު ސަރަޙައްދަކާއި، ފުވައްމުލައް ސިޓީގެ އެއް ސަރަޙައްދު، އަދި ފާދިއްޕޮޅުގެ ފަސް ސަރަޙައްދެއް (ޖުމްލަ 24 ސަރަޙައްދު) މިހާތަނަށް ވަނީ ހިމާޔަތްކޮށްފައިވެއެވެ. މީގެ އިތުރުން ތިމާވެށީގެ ޤާނޫނުގެ ދަށުން މާލެ އަތޮޅު އުތުރު އަދި ދެކުނު ހިމެނޭގޮތަށް 11 ސަރަޙައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ނުވަ ޑައިވް ސައިޓަކާއި، ކ. ރަސްފަރިއާއި ކ. ހުރާގެ ކަނޑޫފާ ސަރަޙައްދެވެ.