ގދ. ނަޑެއްލާގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއީ އެރަށުން ކޮވިޑް-19ގެ ވޭދަނައެއް ފެނުނު ފުރަތަމަ ފަހަރެވެ.

އެ ރަށު ކައުންސިލްގެ ނައީބު ރައީސް ޝަހުމަދު އަޒީޒު "ވަގުތު" އަށް ވިދާޅުވީ، ފައްސިވެފައިވަނީ އިންޑިއާ އަންހެނެއް ކަމަށާއި އޭނާ އަކީ އެރަށު ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރެއްގެ އަނބިމީހާ ކަމަށެވެ.

ޝަހުމަދު ވިދާޅުވީ، އޭނާ އެ ރަށަށް އައީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ކަމަށާއި ފައްސިވެފައިވާ ކަން އެނގިފައިވަނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ނިންމާލުމަށްފަހު އިއްޔެ ނެގި ސުންކުން ކަމަށެވެ.

"އޭނާގެ ނަތީޖާ ލިބިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި،" ޝަހުމަދު ވިދާޅުވިއެވެ.

ނަޑެއްލާ ކައުންސިލުން ވިދާޅުވީ އެ ރަށުން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާތީ ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެހެންވެ އެ ރަށުގައި ދިރިއުޅޭ ރައްޔިތުން ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އަދި ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ސިއްހީ މަރުކަޒަށް ދިއުމުގެ ކުރިން މައުލޫމާތު ހިއްސާ ކުރުމަށް ކައުންސިލުން އެދެއެވެ.

ކޮވިޑް-19 އަށް މާލެ ފިޔަވައި އަތޮޅު ތެރެއިންވެސް ބައެއް މީހުން އަންނަނީ ފައްސިވަމުންނެވެ. އެގޮތުން ބަލާއިރު އިއްޔެވެސް އަތޮޅު ތެރެއިން މި ބަލީގެ 7 ވޭދަނައެއް ވަނީ ފެނިފައެވެ. މާލެއިން ފައްސިވެފައިވަނީ 32 މީހެކެވެ.

ރާއްޖެއިން މިހާތަނަށް 11,932 މީހަކު މި ބައްޔަށް ފައްސިވެފައިވާ އިރު، 11,041 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މި ބަލި ޖެހިގެން މިހާރު 845 މީހަކަށް ފަރުވާދެމުން އަންނައިރު، 39 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަފްލާ

    ޓެސްޓް ނަހަދާ ރައްރަށަށް ދާން ދޫކޮއްލީމަ ވާނީ މިހެން މައިމޫނާ އައުޓް

  2. ޢަފްލާ

    ޑރ އަނހެނުން ކައިރިއަށް ވަގަށް ދިޔަ ކަމަށް ވަނީ މިހާލަތުގަ ކަރަންޓިންގަ އަނބި މީހާ ހުއްޓަސް ފިރިމީހާއަކަށް ނުދެވޭނެ އެއީގޯހެއް އަވަހަށް ޑރ އާދޭތެރޭ ފިޔަވަޅު އަޅާ މައްސަލަ ތަޙްގީގް ކުރޭ ފައްތޭ މިކަމާ އުޅެބަލަ ދެން ޑރ ގެންދޭ ކަޅު ހިނގިއްޔަށް މަ ދާނަން ކައްކަދޭން ފަރުގަލާ ރިހައާ ހަނޑުލު ބަތާ