ގދ. ތިނަދޫގައި ކަނޑުހުޅުދޫ މީހަކު ރަހީނު ކުރި މައްސަލައެއް ފެންމަތިވީ އިއްޔެ ހަވީރު އެވެ. އޭނާ ތިނަދޫ ގެއެއްގެ ތެރޭގައި ރަހީނުކުރިއިރު، އޭނާ ރަހީނުކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ކަމަށް "ވަގުތު"އަށް ވަނީ އެނގިފައެވެ.

އެ މައުލޫމާތު އެނގޭ މީހަކު "ވަގުތު"އަށް މައުލޫމާތު ދެމުން ބުނީ، އެ ކަނޑުހުޅުދޫ މީހާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަަމަށެވެ. އަދި އޭނާ ރަހީނުކުރި މީހުންނަކީވެސް މަސްތުވާތަކެއްޗާއި ގުޅުން ހުރި ބައެއް ކަަމަށެވެ.

މައުލޫމާތު އެނގޭ މީހަކު ބުނީ، އެ މީހާއަކީ މަސްތުވާތަކެތި ހޯދުމަށް އެގެއަށް ދިޔަ މީހެއް ކަމަށެވެ. އަދި އޭނާ ހިފަހައްޓާފައި ވަނީ މަސްތުވާތަކެތި ގަތުމަށްފަހު ދޭން ޖެހޭ "200 ރުފިޔާ"ނު ދިން މައްސަލާގައި ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

"އޭނާ ހިފެހެއްޓުމުން ގުޅީ ފުލުހަށް.... ގުޅީމަ ފުލުހުން އައިސް އޭނާ ސަލާމަތް ކުރީ".

އެ މީހާ ރަހީނު ކުރި ގެއަކީ އެރަށުގައި މަސްތުވާތަކެތީ ބޭނުން ކުރުމާއި، މަސްތުވާތަކެތި ވިއްކުމުގައި އަދި އެކަމުގައި އުޅޭ މީހުން ޖަމާ ވާ ގެއެކެވެ.

އެ މީހާ ރަހީނުކުރި މައްސަލާގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި، 45 އަހަރުގެ މީހެއްގެ އިތުރުން، 52 އަހަރުގެ މީހެކެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ކަންކަމުގައި މީގެ ކުރިންވެސް މީހުން ރަހީނުކޮށްފައި އެބަ ހުއްޓެވެ. އަދި ފައިސާގެ މައްސަލަތަކުގައިވެސް މީހުން ރަހީނުކޮށްފައި އެބަ ހުއްޓެވެ.

ދާދި ފަހުން މާލޭގައި އަންހެނަކު ރަހީނު ކުރިއެވެ. އޭނާ ރަހީނުކޮށް އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާވެސް އަތުލާފައި ވެއެވެ. އެ މައްސަލާގައި ކުޑަކުއްޖަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައިވެސް މީހުން ރަހީނުކޮށްފައި އެބަ ހުރި!

މީގެ ކުރިން ރާއްޖެއަށް އެތެރެ ކުރި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި މީހުން ރަހީނުކޮށްފައި އެބަ ހުއްޓެވެ. އެކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު)ވެސް ފާހަަގަކޮށްފައި ވެއެވެ.

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އައްޑޫ ސިޓީގެ ކަނޑު ސަރަހައްދުގައި ހިންގި އޮޕަރޭޝަނާއި ގުޅޭ މައުލޫމާތުތައް ހިއްސާ ކުރަމުން ހަމީދު ވިދާޅުވީ، އެފަދަ ޑީލްތައް ނިމެންދެން، މަސްތުވާތަކެތި ވިއްކާ މީހާގެ ބެލުމުގެ ދަށުގައި ދިވެއްސަކު ރަހީނުކޮށްފައި ބަހައްޓާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެކަމާއި ގުޅޭ ފޮޓޯ އާއި ވީޑިއޯ ހެކިވެސް އެބަހުރި ކަަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ޑީލެއްގައި ވެސް ދިވެހި ފަރުދަކު އެބަހުރޭ ހޮސްޓޭޖް ވެފައި. މި ގަންނަ ފަރާޓުން އެބަ ޖެހޭ މުޅި ޓްރާންސެކްޝަން ނިމެންދެން، ވިއްކި ފަރާތުގެ ބެލުމުގެ ދަށުގައި ދިވެއްސަކު ބަހައްޓަން. ފާއިތުވެ މިފަދަ އެތައް ބޮޑު އޮޕަރޭޝަނެއްގައި އެތައް ޓްރާންސެކްޝަނެއްގައި މިކަން ހިނގާފައި އެބަ ހުރިކަން އެބަ އެނގޭ. ފޮޓޯ އެބަހުރި ވީޑިއޯ އެބަހުރި. ސޯސް ކަންޓްރީގަ ނުވަތަ ސޯސް އިން ކަނޑައަޅާ ތަނެއްގައި އެބަ ހައްޔަރުވެފައި ހުްނަން ޖެހޭ މީގެ ފުރިހަމަ އަގު އަދާކުރެވެންދެން"، ނޫސްވެރިންނަށް މައުލޫމާތު ދެމުން އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެން

    މިނުވާނެ ޓެރަރިޒަމަކަށް ،މިކަން ވެސް ސުންނަތުގެ އަހުލުވެރިން ބޮލުގައި އަޅުވަން ގަންޖާ ކުޅޭ ޑްރާމާއެއް މިއީ.ކުއްލިއަކަށް މިވެރިކަމުގައި މާ ބޮޑަށް މީހުން ރަހީނުކުރުމާއި ވައްކަން ގިނަވެގެން މިއުޅެނީ ހަކުރިސްޓުން މާލޭ މަގުމައްޗަށް ގިނަ ކޮށްގެން ގަންޖާ މިއުޅެނީ ނުބައި ހާޖާނެއް ހަދަން.ދިވެހިންނޭ ހޭލާށެވެ

    10
    2