ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ދައްކަވަނީ ޗަރުކޭސް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ޖާބިރު އަށް ނިސްބަތްކޮށް މިފަދައިން ވިދާޅުވީ، ޓުއަރިޒަމްގެ ޤާނޫނަށް އިސްލާހު ގެނައުމަށް މިހާރު މަޖިލީހުގައި ކުރިއަށްދާ ކޮމިޓީ ބައްދަލުވުމުގައި ނިޒާމީ ނުކުތާ ނަންގަވާ ޖާބިރު އަޑުގަދަކުރައްވަން ފެއްޓެވުމުންނެވެ.

ޖާބިރު ނިޒާމީ ނުކުތާއެއް ނެންގެވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންގެ ވާހަކަ ކުރިއަށް ގެންދަވަނިކޮށެވެ. ޖާބިރު ނިޒާމީ ނުކުތާ ނަންގަވައިގެން ވާހަކަދެއްކެވި އިރު "ބިރިޔާނީ" ބަހާ ކަމަށް ވިދާޅުވެ ވާހަކަ ފެއްޓެވިކަން ސާފުވި ނަމަވެސް، ޖާބިރު ވާހަކަދެއްކެވި އިރު މައިކުގެ އަޑު ކަނޑާލާފައިވާތީ އޭނާ ދެއްކެވި ވާހަކަ ސާފެއް ނުވެއެވެ.

ޖާބިރުގެ ނިޒާމީ ނުކުތާއަށް ފަހު އަލީ ހުސެއިންގެ ވާހަކަ އަށް ފުރުސަތު ދިނުމުން "ބޭނުންހާ ގޮތަކަށް ދައުލަތް ނުވިއްކޭނެ" ކަމަށް ވިދާޅުވެ ޖާބިރު ވަނީ ވަރަށް ބޮޑަށް އަޑު ގަދަކުރައްވާ، އަލީ ހުސެއިންގެ ވާހަކައަށް ހުރަސް އަޅުއްވާފައެވެ.

އެ ހިސާބުން ރައީސް ނަޝީދު ވަނީ ކެންދޫ ދާއިރާގެ މެމްބަރުގެ ވާހަކަ ޖާބިރުގެ "ޗަރުކޭސް ނިމެންދެން" މަޑުކޮށްލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"ކެންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މި އެންޓަރޓެއިންމެންޓަށް ފަހު އަޅުގަނޑަށް ފެންނަނީ ދާން، މީހަކު މިތަނުގައި އަމިއްލައަށް ޗަރުކޭސް ދައްކަން ފެށީމަ އެއަށް ޖާގަ ނުދީ ދޭން." ޖާބިރު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މިހެން ވިދާޅުވުމަށް ފަހު ސަމާސާ ރާގަކަށް ހިނިފުޅުވަޑުވާފައެވެ. އެ ހިސާބުން ޖާބިރު ވަނީ އޭނާ އިންނަވާ ގޮނޑިން ތެދުވެގެން ރައީސް ނަޝީދު އިންނަވާ ގޮނޑި ކައިރިއަށް ވަޑައިގެން "އިންޑިއާ އަށް ޤައުމު ނުވިއްކޭނެ" ކަމަށާއި ދައުލަތް ވިއްކާ ނުލެވޭނެ ކަމަށް ވިދާޅުވެ ކޯފާ އިސްކުރައްވާ ވާހަކަދައްކަވާފައެވެ.

ޖާބިރު އާއި "ވަގުތުން" ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ މިއަދު މަޖިލީހުގައި އޭނާ ކޯފާ އިސްކުރެއްވި ސީދާ ސަބަބު ސާފެއް ނޫނެވެ.