ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހައްދުންމަތީގެ ދެ ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގަންނަވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ދަތުރުފުޅުގައި ރައީސް ޞާލިހް ވަޑައިގަންނަވާފައި ވަނީ ކައްދޫއާއި ގަމަށް ކަމަށެވެ.

ރައީސް ޞާލިހް ކައްދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގައި ޤާއިމުކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ސެންޓްރަލް އޭރިއާގެ މަރުކަޒަށް ޒިޔާރަތްކުރައްވާ، ސިފައިންގެ އަސްކަރީ ތަމްރީނުގެ ޑިމޮންސްޓްރޭޝަންއެއް ބައްލަވައިލެއްވިއެވެ.

ބުރާސްފަތި ދުވަހު ކައްދޫގައި ބޭއްވި މި ޑެމޮންސްޓްރޭޝަންއަކީ ހުސްވި ނޮވެންބަރު މަހުގެ 16 އިން ފެށިގެން ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކުގައި ސިފައިން ހޯދާފައިވާ ހެވިކަމުގެ ހުނަރުތައް ދައްކާލުމަށް ކުރިއަށްގެންދިޔަ ޑެމޮންސްޓްރޭޝަންއެކެވެ.

ރައީސް ޞާލިހް ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ދެވަނައަށް ވަޑައިގެންނެވީ ގަމަށެވެ. އެ ރަށަށް ވަޑައިގަންނަވާ އެ މަނިކުފާނު ވަނީ ސަރުކާރުން ކުރިއަށްގެންދިޔަ ތިން މަޝްރޫޢެއްގެ ނިމުން ފާހަގަކުރައްވައި، އެ ތިން ތަނުގެ ޚިދުމަތް ރަސްމީގޮތުން އިފްތިތާޙް ކޮށްދެއްވާފައެވެ. އެއީ، ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތާއި، ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅައިލުމާއި، އަދި ގަމުގައި އަލަށް ޢިމާރާތްކޮށްފައިވާ ގަމު ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން އެހެންވިދާޅުވި ނަމަވެސް ގަމު ޒޯން ސްޓޭޑިއަމަކީ ކުރިން ވެސް އިމާރާތް ކޮށްފައިވާ ސްޓޭޑިމެކެވެ. މިސަރުކާރުން ކުރި މަސައްކަތަކީ ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ގަމުގައި އަލަށް ބިނާކޮށްފައިވާ މަރުކަޒީ އިންޖީނުގެއަށް ޒިޔާރަތްކުރައްވާ، އެ ތަން ވެސް ބައްލަވައިލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގެރި މަސް

    ރައީސް ކިޔަންވެސް ފަކުރުގަނޭ... މި ވަރު އަނިޔާވެރި ނުބައިނުލަފާ ސަރުކާރެއް ނުދެކެން

    14
  2. ޑޮން

    ތިޔަ ޓްރޭނިންގ މައުލޫމާތު ސިއްކައަށް ގެންގޮސް ހިއްސާ ނުކުރާތި އިބުރާހިމާ

  3. ފޫހި

    އިންސާނުންނަށް މިހާ ނުބައި މީހަކަށް ރައީސް ކިޔަން ބޭނުމެއް ނޫން