މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެެން އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި ބޭނުންކުރާ އާލާތްތައް އެެމެރިކާއިން ރާއްޖެެއަށް ހަދިޔާކޮށްފިއެވެ.

މިތަކެތި ރާއްޖެއަށް ހަވާލުކޮށްދެއްވީ އެމެެރިކާއިން ރާއްޖެެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު އެލައިނާ ބީ ޓެބްލިޒްއެވެ. މިތަކެެއްޗާ ރާއްޖެއިން ހަވާލުވެވަޑައިގަތީ ރާއްޖެއިން ލަންކާއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު އުމަރު އަބްދުލްރައްޒާގު އެވެ.

މިއީ އެމެރިކާގެ ޑިޕާޓްމެންޓު އޮފް ޑިފެންސްގެ ފަރާތުން އެމްއެންޑީއެފްގެ ސެެނަހިޔާ ހޮސްޕިޓަލުގެެ އައިސީޔޫގައި ބޭނުންކުރުމަށް ހަދިޔާކުރި ތަކެތި ކަމަށް ސަރުކާރުން މައުލޫމާތު ދެއްވައެވެ.

އައިސީޔޫގައި ބޭނުންކުރާ 40 އޮކްސިޖަން ކޮންސަންޓްރޭޓްސް ހިމެނޭ ގޮތަށް އެމެރިކާއިން ހަދިޔާ ކުރި މިތަކެތީގެ ތެރޭގައި އެއްލައްކަ ފަސްދޮޅަސް ފަސްހާސް ޑޮލަރުގެ ސާމާނު ހިމެނެއެވެ.

އެމެރިކާއިން ކުރިން ހަދިޔާކޮށްފައިވާ ވެންޓިލޭޓަރުތަކާއެކު ބޭނުންކުރެވޭ ޕޯޓަބަލް އޮކްސިޖަން ނިޒާމުގެ ސަބަބުން ސިއްޙީ އެހީތެރިންގެ މަސައްކަތްވެސް އިތުރަށް ލުއިވެގެންދާނެ ކަމަށާއި އެހީގެ ސަބަބުން ކޯވިޑް-19ގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އެހީވުމަށް ލުއި ލިބިގެންދާނެކަމަށް އެމްބަސީ އިން ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް އެމެރިކާއިން ވަނީ އެންމެެ ޒަމާނީ 60 ވެންޓިލޭޓަރެއް ރާއްޖެއަށް ހަދިޔާކޮށްފައެވެ. މީގެ އިތުރުން ކޯވިޑް-19 އާ ގުޅިގެން އިޖުތިމާޢީ ޚިދުމަތްތައް ވަރުގަދަކުރުމާއި އިޤްތިޞާދީ ކާރިސާއަށް އިޖާބަދިނުމުގައި އެހީވުމަށް އެމެރިކާއިން ވަނީ ގާތްގަޑަކަަށް ތިން މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ނިންމާފައެވެ.