ކޮވިޑް-19 އާ ގުޅިގެން ދެވަނަ ޓާމުގައި ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްދާނެ ގޮތުގެ ސާކިއުލާއެއް ނެރެފިއެވެ. އެ ސާކިއުލާގައި ވާގޮތުން ސްކޫލްތަކުގައި އޮންލައިންކޮށާއި، ސްކޫލަށް ގޮސްގެން ކިޔަވާ ދެނީ ދުވާލަކު 4-5 ގަޑިއިރަށް ކަމަށް ބުނެފައި ވެއެވެ.

ކޮވިޑް-19 ފެތުރެން ފެށިފަހުން ރާއްޖޭގެ ސްކޫލްތައް ބަންދު ކުރިއެވެ. ފަހުން ކިޔަވާދިނުން އޮންލައިންކޮށް ބަދަލު ކުރިއެވެ. އަދި ފަހުން ރަށްރަށުގެ ސްކޫލްތައް ހުޅުވައިގެން ކިޔަވާދެމުން ދިޔައެވެ. ފަހުން މާލެ ސަރަހައްދުގެ ސްކޫލްތަކުގައި މަތީ ގްރޭޑްތަކަށް ދިޔައީ ކިޔަވާދެމުންނެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ ނިޔަަލަށް ސްކޫލްތަކުން ނިންލާލެވުނީ ފުރަތަމަ ޓާމްގެ ކިޔެވުން އެކަންޏެވެ. ދެވަނަ ޓާމްގެ ކިޔެވުން އަންނަ ޖެނުއަރީ މަހު 10 ވަނަ ދުވަހު ފަށާނެއެވެ. އަދި އެ ޓާމް ޖޫން 24 އަށް ނިމޭއިރު، ދެން ފަށާނީ ދިރާސީ އާ އަހަރެވެ.

އެގޮތުން އަންނަ އަހަރު ސްކޫލްތައް ހުޅުވާއިރު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، ސްކޫލްތަކުގައި އޮންލައިން ކޮންނާއި، ސްކޫލަށް ގޮސްގެން ކިޔަވާދެވޭނެ ކަމަށެވެ. އަދި ކޮވިޑް-19 ފެތުރެމުންދާ ރަށެއްގެ ސްކޫލްތަކުގައި ކްލާސްތަކުގައި އެކަކު އަނެކަކާއި ގައިދުރުކަން ބަހައްޓައިގެން ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަމަށް ބުނެފައި ވެއެވެ. އަދި އޮންލައިން ކްލާސްތަކާއި، ސްކޫލަށް ގޮސްގެން ކިޔަވާދެވޭނެ ގޮތެއް ނެތްނަމަ، ޓެލެކިލާސް މެދުވެރިކޮށް ކިޔަވާދެވޭނެ ގޮތް ހަމަޖައްސުމަށްވެސް އެ ސާކިއުލާގައި ވެއެވެ.

މީގެ އިތުރުން، މި ސާކިއުލާގައި ސްކޫލްތައް ތިން ގޮތަކަށް ކެޓެގަރީކޮށްފައި ވެއެވެ. މިގޮތަށް ކެޓަގަރީ ކޮށްފައި ވަނީ ސްކޫލްތަކުގައި ކިޔަވާ ދޭ ދަރިވަރުންގެ އަދަދަށް ބަލާފައެވެ. އެގޮތުން އެއް ދަންފަޅިއަކަށް ކިޔަވައިދެވޭނެ ސްކޫލްތަކުން ގައިދުރުކަން ބަހައްޓައިގެން ހަފްތާއަކު ފަސް ދުވަހު ކިޔަވާދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަަމަށް ބުނެފައި ވެއެވެ.

އަދި ދެ ދަންފަޅިއަކަށް ކިޔަވައިދެވޭނެ ސްކޫލްތަކުންވެސް ގައިދުރުކަން ބަހައްޓައިގެން ހަފްތާއަކު ފަސް ދުވަހު ކިޔަވާދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަަމަށް ބުނެފައި ވެއެވެ.

ތިންވަނަ ކެޓަގަރީގައި ބުނެފައި ވަނީ، ދެ ދަންފަޅިއަކަށް ކިޔަވައިދޭ ސްކޫލްތަކުން ގައިދުރުކަން ބަހައްޓައިގެން ދެ ދުވަހުން އެއް ދުވަހު ސްކޫލަށް ހާޒިރުވެވިދާނެ ކަމަށެވެ. ނަމަވެސް އެ ދަރިވަރުންނަށް ދެ ހަފުތާއިން ޖުމްލަ ފަސް ދުވަހު ސްކޫލަށް ހާޒިރުވެވެން ޖެހޭ ކަމަށް ބަޔާންކޮށްފައިވާއިރު، އެ ސްކޫލުތަކުގައި އޮންލައިންކޮށް އަދި ސީދާ ސްކޫލަށް ގޮސްގެން ކިޔަވާދެވޭނެ ކަމަށް ބުނެފައި ވެއެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ ރަށްރަށުގެ ސްކޫލްތައް ހުޅުވާނީ އެރަށެއްގެ އާއްމު ސިއްހަތު އޮތް ގޮތެއް ބަލާފައި ކަމަށެވެ. އެގޮތުން ފުރަބަންދުކޮށްފައިވާ ރަށްތަކުގެ ސްކޫލްތައް ބަންދު ކުރާނެ ކަމަށާއި، މޮނީޓަރިންގގައިވާ ރަށްތަކުގެ ސްކޫލްތަކުގައި ކިޔަވާދޭނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ. އަދި ކޮވިޑް-19 ނެތް ރަށްރަށުގައި ފައުންޑޭޝަނުން ފެށިގެން ކީސްޓޭޖް 5 އާ ހަމައަށް ކިޔަވާދެވޭނެ ކަމަށް ބުނެފައި ވެއެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ، ކީސްޓޭޖް އެކަކުން ފަހަކަށް ހަފްތާއަކު ފަސް ދުވަހު، 4-5 ގަޑިއިރަށް ކިޔަވާދެވޭނެ ކަމަށެވެ. އަދި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ކިޔަވާ ދެވޭނީ ހަފްތާއަކު ފަސް ދުވަހު ދެ ގަޑިއިރަށް ކަމަށް ބުނެފައި ވެއެވެ. އަދި މީގެ ތެރެއިން އެއްގަޑިއިރު، އަތް ދޮވުމަށާއި، ޓެމްޕަރޭޗަރ ބެލުމަށާއި، ސްކޫލަށް ވަނުމަށާއި، ނުކުތުމަށާއި، ކުޅިވަރުތަކަށް ހާއްސަ ކުރަން ވާނެ ކަމަށް ބުނެފައި ވެއެވެ.