އައިޑީކާޑާއި ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސްގެ މުއްދަތު ހަމަވެފައި ވީނަމަވެސް އެޑޮކިއުމެންޓްތައް ބޭނުން ކޮށްގެން ޑޮމެސްޓިކް ފްލައިޓް ދަތުރުތައް ކުރެވޭ ގޮތައް ހަމަޖައްސާފައި އޮތް އުސޫލަށް ބަދަލުގެނެސް، މުއްދަތު ހަމަވެފައިވާ ޑޮކިއުމެންޓް ދައްކައިގެން ދަތުރު ނުކުރެވޭ ގޮތައް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނިންމައިފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވިދާޅުވީ ފަސެންޖަރުންނަކީ ކޮންބައެއްކަން ދެނެގަންނަން މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސް ބަލައިގަންނަމުން އައިއުމަށް ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން އަމަލު ނުކުރާނެ ކަމަށެވެ. އެހެންކަމުން މިހާރު ޑޮމެސްޓިކް ދަތުރުތައް ކުރާ ދިވެހިންނަށް ވެސް ދަތުރު ކުރެވޭނީ މުއްދަތު ހަމަނުވާ ލިޔުމެއް އޮވެގެންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ވަނީ އޮންލައިންކޮށް އައިޑީކާޑަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޕާސްޕޯޓާއި ލައިންސަންސަށް އެދިވެސް އޮންލައިންކޮށް ފޯމް ހުށަހެޅޭނެއެވެ. ނަމަވެސް އައިޑީކާޑާއި ލައިސަންސް ހެއްދުމުގެ ހިދުމަތަށް އެދި ހުށަހަޅާތާ އެތައް ދުވަހެއް ވާއިރުވެސް އައިޑީކާޑާއި ލައިސަންސް ނުލިބޭ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

މުއްދަތު ހަމަވެފައިވާ ޑޮކިއުމެންޓް ބޭނުން ކޮށްގެން ދަތުރު ކުރެވޭ ގޮތައް ފުރަތަމަ ހަމަޖެއްސީ އޮގަސްޓް މަހުގެ ނިޔަލަށެވެ. ނަމަވެސް ފަހުން ވަނީ ޑިސެމްބަރ 31 އަށް މުއްދަތު އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޫހި

    އޯ ނޯ، އަވަހަށް ކާޑު އާކުރަން އުޅެންވީ ދެން

  2. ނަފްސް

    އަޢިޑީ ކާޑް ގެ ހިދުމަތް އެބަ ޖެހޭ ހުޅުމާލއެއިންވެސް ވިލިނގިލިންވެސް ލިބޭނެ ގޮތެއް ވާން، ކޮންމެ ފަހަރަކު ކަމާ ކަންފަށާ މާލެއައިސް އެކަން ކަން ކަން ނުކުރެވޭނެ، ފައިސާ ފެލާތަނެއް ނަމަ ހުރިހާ ތާކު އޮފީސްހުރޭ ބަލާބަލަ މީރާ އެމީހުންގެ އޮފީސް ހުރޭ 2 މީހުން އުޅޭ ރަށެއްގައިވެސް.