ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވެ، މިހާރު އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 69 އަށް އަރައިފިއެވެ.

ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކަށް އައިސީޔޫގައި ފަރުވާދެމުން ގެންދާއިރު އެކަކު އޮތީ ވެންޓިލޭޓަރުގައެވެ. ހަތަރު މީހުންނަށް އައިސީޔޫގައި ފަރުވާ ދެމުން ގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އެހަތަރު މީހުންގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފްލޯގައި ދެ މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ހުޅުމާލޭގައި ހުންނަ ކޮވިޑު ފެސިލިޓީގައި 38 މީހަކަށް ފަރުވާ ދެމުން އަންނަ އިރު ގއ.ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަސް މީހަކަށް އަދި ގަން ކޮވިޑް ފެސިލިޓީގައި ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވުިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް މަތިވަމުންނެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު 917 އަށް އަރައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 14513 އަށް އަރައެވެ. އޭގެތެރެއިން 13540 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. 49 މީހަކު ކޮވިޑް-19 ޖެހިގެން ނިޔާވެފައިވެއެވެ. އެންމެފަހުން ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މީހަކު ނިޔާވީ މިމަހުގެ 07 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު