އޭޑީކޭ ހޮސްޕިޓަލްގެ ހައި ޑިޕެންސީ ޔުނިޓް (އެޗްޑީޔޫ) ގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަނުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެޗްޑީޔޫގައި ދާދި ފަހުން ފަރުވާ ދިން ތިން މީހުން ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިވަގުތު އެޗްޑީޔޫ އޮތީ ބަންދުކޮށްފައި ކަމަށެވެ.

"އެތަން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި ހުރިހާ ބަލި މީހުން ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި އެޗްޑީޔޫގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އެއިން އެއްވެސް މީހަކު ޕޮޒިޓިވްވެފައި މިހާތަނަށް ނެތް،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ފައްސިވި ތިން މީހުންނާ ގާތުން ބައްދަލުވި މީހުން މިވަގުތު ތިބީ ކަރަންޓީންގައެވެ. އަދި އޭޑީކޭ ހޮސްޕިޓަލާ ގުޅިގެން މިކަންކަން މޮނިޓަ ކުރުމުގެ މަސައްކަތް އެޗްއީއޯސީން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އޭޑީކޭގައި ހިދުމަތްތައް ރޭވިފައި ހުރީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. އެހެންވީމަ ހިދުމަތް ހޯދަން އޭޑީކޭ ހޮސްޕިޓަލަށް އަންނަ މީހުންނަށް ރައްކާތެރިކަމާ އެކީގައި އެ ތަނުން ހިދުމަތް ލިބޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 14،993 މީހުން ފައްސިވި އިރު، މި ބަލި ޖެހިގެން 51 މީހަކު ވަނީ ނިޔާވެފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދަނީ 80 މީހަކަށެވެ. މި ބަލި ޖެހިގެން 13،849 މީހަކު ރަނގަޅުވި އިރު، ބައްޔަށް ފަރުވާ ހޯދަމުން ދަނީ 1،086 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢިދްހަން

    51 ވަނަ މަ ރު އެއީ ރަށަކުން އައިސް އޭޑީކޭ އެޗްޑީޔޫގައި ބޭއްވި މީހެއް .އެޗްޑީޔޫ އިން ވޯޑްއަށް ބަދަލު ކޮށް ޑިސްޗާޖް ކު ރަން ބުނުމުން އާއިލާ އިން އެދުނީ އައިޖީއެމް އެޗް އަށް ބަދަލު ކު ރުމަށް. ޑެން އައިޖީއެމްއެޗް އިން ޓެސްޓް ހެދިއި ރު ޕޮޒިޓިވް ކަމަ މިވީ. އޭޑީކޭގެ އިހުމާލު. ކާކުބާ ޒިއްމާވާނީ.

    10