ކޮވިޑް-19 އަށް އއ. ތޮއްޑޫއިން މީހަކު ފައްސިވުމާއި ގުޅިގެން މިހާތަނަށް 30 މީހެއްގެ ސުންކު ނަގާފައިވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ހާމަ ކޮށްފިއެވެ.

ތޮއްޑޫއިން ފައްސިވެފައިވަނީ އެރަށު ސްކޫލްގެ ދަށުން ހިންގަމުން އަންނަ ޕްރީ ސްކޫލްގެ ޓީޗަރެކެވެ. އޭނާ ފައްސިވެފައިވާކަން އެނގިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެރަށު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަބްދުﷲ ޝިފާޒް ވިދާޅުވެފައިވަނީ މިވަގުތު ތަރުތީބެއް ނެތި ސުންކު ނަގަމުން އަންނަ ކަމަށާއި ފައްސިވި ޓީޗަރާއި ގާތުން އެއްތާވި މީހުންގެ ސުންކުވެސް ނަގަމުން އަންނަ ކަމަށެވެ.

ޝިފާޒް ވިދާޅުވީ، މިވަގުތަކީ ރަށުގައި ރޯނގާގެ ފެތުރެމުން އަންނަ ދުވަސްކޮޅެއް ކަމަށާއި މިއަދު ބަލީގެ އަލާމަތްތައް ފެނުނު މީހުންގެ ސުންކުތައް ނަގާފައި ފޮނުވާފައިވާ ކަމަށެވެ.

"މިވަގުތު 30 ސުންކެއް ނަގާފައިވަނީ. މި ސުންކުގެ ނަތީޖާއެއް އަދި ނުލިބޭ" ޝިފާޒް ވިދާޅުވިއެވެ.

ސުންކު ނަގާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ޓީޗަރު ކިޔަވައި ދެމުން އަންނަ ކްލާހުގެ ކުދިންތަކާއި އޭނާއާއި ކައިރިން ބައްދަލުވެފައިވާ މީހުން ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

ތޮއްޑޫއިން ކޮވިޑް-19ގެ ވޭދަނައެއް ފެނުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު