ފުރަތަމަ ފަހަރަށް ރާއްޖެއިން ފަލަސްތީނަށް ނަން ރެޒިޑެންޓް ސަފީރަކު އައްޔަން ކުރަން ނިންމަވާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރައްވައިފިއެވެ.

ރައީސް ސޯލިހް މި ކަން އިއުލާން ކުރެއްވީ މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުޅުވާލުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ދެއްވަމުން ގެންދަވާ ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް ޚާރިޖީ ގުޅުންތައް ވަރުގަދަ ކުރުމަކީ މި ސަރުކާރުގެ އެއް އަމާޒު ކަމަށެވެ. މި ގޮތުން ނަން ރެޒިޑެންޓް ސަފީރުން ކަނޑައަޅާފައި ނުވާ ބައެއް ގައުމުތަކަށް ނަން ރެޒިޑެންޓް ސަފީރުން ކަނޑައަޅަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ފަލަސްތީނަށް ފުރަތަމަ ފަހަރަށް ނަން ރެޒިޑެންޓް ސަފީރެއް މި އަހަރުގެ ތެރޭގައި އައްޔަން ކުރާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ޚާރިޖީ ދާއިރާއިން ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އިންސާނީ ހައްގުތައް ކަށަވަރު ކުރުމާއި ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތަކީ ވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު އަސާސެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ހިނާރުވެފައިވާ ގުޅުންތައް އަލުން ބަދަހި ކުރުން ކަމަށާއި ފަލަސްތީނާއެކު މި ސަރުކާރުގައި ގުޅުން ރަނގަޅު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮވިޑް-19 ގެ ނުރައްކަލުގައި ވެސް އެކުވެރި ގައުމުތަކުންނާއި ބައިނަލް އަގްވާމީ ޖަމިއްޔާތަކުން ފޯރުކޮށްދިން އެހީތެރިކަމަކީ ޚާރިޖީ ގުޅުންތައް ވަރުގަދަވެފައިވާ ކަމުގެ ހެއްކެއް،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ޒަމާންވީ އެކުވެރި ގާތްގުޅުމާއި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ތާއިދު ދެގޮތެއްނުވެ އެގޮތުގައި ދެމިއޮންނާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. އދ. ގެ އާންމު މަޖިލީހުގައި ވެސް ރައީސް ސޯލިހް ވަނީ އެ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.

އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިޒްރޭލްގެ ދައުލަތުން ގެންދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާ ދެމުންނެވެ. އިޒްރޭލުގެ މި އަމަލުތައް އަބަދުވެސް އެންމެ ހަރު އަޑުން ކުށްވެރި ކުރާ ގައުމަކީ ރާއްޖެއެވެ.

އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބި ސުލްހަ ގާއިމުކުރެވޭނީ އދ ގެ ނިންމުމާ އެއްގޮތަށް ފަލަސްތީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ގާއިމުކުރެވޭ ފަލަސްތީނުގެ ދައުލަތާއެކު ކަމުގައި ދިވެހި ސަރުކާރުން އަބަދުވެސް ވަކާލާތު ކުރެއެވެ.