އައްޑޫ ސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއާއި އެކީ ހިތަދޫ އިހާ އިން ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 15 އަށް އަރާފައެވެ.

ހެލްތް އިމްޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މައުރޫފް ވިދާޅުވީ، ހިތަދޫއިން ފުރަތަމަ ފައްސިވި މީހާއާއި ބައްދަލުވި 44 ފަރާތެއް މިވަގުތު އައްޑޫގެ ގުޅިފައިވާ ހަތަރު ރަށުގައި އެބަ ތިބި ކަމަށެވެ. އަދި މި އިހާ އާއި ގުޅުންހުރި 25 މީހަކު ތިނަދޫން ފެނިފައިވާ ކަމަށެވެ.

މައުރޫފް ވިދާޅުވީ، މި އިހާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މިވަގުތު ޓާސްކް ފޯސް އާއި ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

އައްޑޫސިޓީ ގުޅިފައިވާ ހަތަރު ރަށުގެ ތެރެއިން ހިތަދޫއިން އެންމެ ފުރަތަމަ ދެމީހަކު ފައްސިވެފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އެމީހުން ފައްސިވެފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން އެރަށު ފްލޫ ކްލިނިކަށް ދެއްކުމުންނެވެ. އޭގެ ފަހުން އެމީހުންނާއި ކައިރިން ބައްދަލުވި އިތުރު ބަޔަކުވެސް ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އައްޑޫގެ ގުޅިފައިވާ ހަތަރު ރަށުގެ ތެރެއިން ދެ ރަށަކުން 15 މީހަކު ކޮވިޑް-19އަށް ފައްސިވެފައިވާއިރު، އެ އަތޮޅު ހުޅުމީދޫއިންވެސް މިވަގުތު 25 މީހަކު ވަނީ ފައްސިވެފައެވެ.