ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ އެ ސިޓީގައި ރޭގަނޑު ގަޑީގައި ކާފިއު ހިންގަން ނިންމައިފިއެވެ.

ފުވައްމުލަކުގައި ކާފިއު ހިންގުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމާފައިވަނީ މާދަމާ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އާއި ހަމައަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން ފުވައްމުލައް ސިޓީގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ނިންމީ މިއަދު އެވެ.

އެގޮތުން ޑައިރެކްޓަރ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ވަނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ލިބިދޭ ބާރުގެ ދަށުން، މާދަމާ އިން ފެށިގެން ފުވައްމުލައް ސިޓީގައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެެވެ.

އެ އެންގުމުގައި ވަނީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައެވެ.

މީގެއިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، އެރަށުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން ހިމެނެއެވެ. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ފަރާތްތަކުން އިސްތިސްނާވާނެއެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، އެރަށުގެ ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.

އެއުސޫލުގައި ބުނެފައިވަނީ ފުވައްމުލަކުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، އެ ހިދުމަތް ދޭން ޖެހޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގައި މަތީން ކަމަށެވެ.

އަދި ފިހާރާތަކާއި ބޭންކު ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމާއި، ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް އޭގައި ވަނީ އަންގާފައެވެ.

އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލަންވެސް އަންގާފައި ވެއެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.

މި ފިޔަވަޅުތަަކަށް ފުވައްމުލައް ސިޓީގެ ރައްޔިތުން ބޯލަނބަން ޖެހޭއިރު، މި ފިޔަވަޅުތަކަށް އިސްތިސްނާވާ ފަރާތްތަކެއް ވެއެވެ. އެއީ ސިފައިންނާއި ފުލުހުނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުތަކާއި، އެމްބިއުލަންސާއި، އައްޑޫ ޓާސްކުފޯހު ގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތަކެވެ.