ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ކުރުނބާ މޯލްޑިވްސްއިން ޚާއްޞަ ރޯދަވީއްލުމެއް ބާއްވައިފިއެވެ.

ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ 1 ޖޫން ގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު ރޯދަވީއްލުމުގައި އިންޑިއާ އަދި މެދުއިރުމަތީގެ ޤައުމުތަކުގެ ޚާއްޞަ ކެއުންތަކާއި ކުޑަކުދިންނަށް ކަމުދާނެ އެހެނިހެން ތަކެތީގެ އިތުރުން ކުދިންގެ މުނިފޫހިފިލުވުމުގެ ޙަރަކާތެއްގެ ގޮތުގައި ކުއިޒެއް ކުރިޔަށް ގެންދިޔައެވެ.

މީގެ ކުރީގެ އަހަރުތަކުގައިވެސް މިދުވަސް ފާހަގަކުރުމަށްޓަކައި ކުރުނބާ މޯލްޑިވްސްއިން ވަނީ ތަފާތު ޙަރަކާތްތައް ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ބާއްވާފައެވެ.

ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހަކީ ކުޑަކުދިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ކުޑަކުދިންގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މީގެ އިތުރަށް ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ބާރުއެޅުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ ބޭނުމެކެވެ.

"ކުރުނބާ މޯލްޑިވްސް" އަކީ ކުންފުނިތަކުން ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބާރުއެޅުމަށް އާކުން ކުރިޔަށްގެންދާ "ކޯޕަރޭޓް އެމްބެސެޑަރ ޕްރޮގްރާމް" ގެ އެންމެ މަތީ ދަރަޖަ "ޗެމްޕިއަން އޮފް ޗައިލްޑް ރައިޓްސް" ގެ ގޮތުގައި މަސައްކަތްކުރާ ފަރާތެކެވެ.

މިގޮތުން އާކާއި ކުރުނބާ މޯލްޑިވްސް ގުޅިގެން 2017 އަދި 2018 އަހަރަށް އަމާޒުކޮށްގެން ފިޔަވަތީގެ މުއައްޒިފުންގެ ޤާބިލްކަން އިތުރުކުރުމަށް ތަފާތު ދެ ޓްރެއިނިންއެއް ވަނީ ބާއްވާފައެވެ. ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ފިޓްނަސް ޕްރޮގްރާމަކާއި ކުދިންގެ ފަންނުވެރިކަން ކުރިއެރުވުމަށް ޕްރޮގްރާމެއްވެސް ދަނީ ބާއްވަމުންނެވެ. ކުދިންގެ ތަޢުލީމީ، އިޖުތިމާޢީ އަދި އެހެނިހެން ހުނަރުތައް ރަނގަޅުކުރުމަށް އެންމެ ތުއްތުކުދިންނަށްވެސް އާކާއި ކުރުނބާ މޯލްޑިވްސް ގުޅިގެން ވަނީ 2015 އިން 2016އަށް ޕްރޮގްރާމެއް ހިންގާފައެވެ.

އާކަކީ ހިލޭ ސާބަހަކަށް މަސައްކަތްކުރާ ޖަމިއްޔާއަކަށްވާތީ، ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ދިރިއުޅޭ ތަންތަނުގައި އާކުން ހިންގާ ޕްރޮގްރާމްތަކާއި، ހޭލުންތެރިކަން އިތުރު ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ޙަރަކާތްއް ކުރިޔަށް ގެންދެވެނީ ކުރުނބާ މޯލްޑިވްސް ފަދަ ދީލަތި ފަރާތަތަކުގެ އެހީތެރިކަމާ އެކު ކަމަށް އާކުން ހާމަކުރެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ދިރިއުޅެމުންދާ މަރުކަޒުތަކަށް އަމާޒުކޮށްގެން ކުރުނބާ މޯލްޑިވްސް އިން ކުރިޔަށް ގެންދާ އެކި ޙަރަކާތްތަކާއި އަދި ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމަށް ކުރުނބާ މޯލްޑިވްސް އިން ދޭ ސަމާލުކަމާއި ބަހައްޓާ ޝައުޤުވެރިކަމަށް އާކުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު