އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގައި ކޮވިޑް-19 އާ ގުޅިގެން ކަންބޮޑުވުމެއް ނެތް އިރު، އެ ރަށް މޮނިޓަރިން އިން ނުނަގާ އޮތުމުން ކަންބޮޑުވާ ކަމަށް ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީ މިއަދު ވިދާޅުވެއްޖެއެވެ.

ޝުކުރީ "ވަގުތަށް" ވިދާޅުވީ ހުޅުމީދޫގެ މުޖުތަމައުގެ ތެރޭގައި ބަލި ނެތް ކަމަށެވެ. އެހެންކަމުން އެ ދެ ރަށް މޮނިޓަރިންގެ ހާލަތުގައި އޮންނަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދެ ރަށަކީ ވަކިން އޮންނަ ދެ ރަށްކަމަށް ވުމާއެކު، ދެ ރަށް މޮނިޓަރިންގައި އޮތުމުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭކަން އޭނާ ވިދާޅުވިއެވެ.

" މި ދެ ރަށް މިއީ ޚިދުމަތްތައް ރަނގަޅު ތަނެއް ނޫން. ކޮންމެ ކަމަކަށް ވެސް އެހެން ރަށްރަށަށް ބަރޯސާވާ ތަނެއް މިއީ. ވަރަށް އުނދަގޫ މިހެންވީމަ. އަޅުގަނޑު ގޮވާލަން މޮނިޓަރިން އިން އުވާލަން،" ޝުކުރީ ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ކޮވިޑަށް ފައްސިވާ މީހުންގެ ތެރެއިން ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ހަމަޖެހިފައި ވަނީ ހިތަދޫ ކުރީގެ ރީޖަނަލް ހޮސްޕިޓަލުގައި ކަމަށް ވާއިރު، ހުޅުމީދޫގައި ހުންނަ އެމްޓީސީސީ ސައިޓުން ކޮވިޑް-19 އަށް ފައްސިވި މީހެއްގެ ހާލު ސީރިއަސްވެ އިތުރު ފަރުވާ އަށް އޭނާ ވަނީ ހިތަދޫ އަށް ގެންގޮސްފައެވެ.

ހުޅުމީދޫ އިހަލުން މިހާތަނަށް ކޮވިޑް-19 އަށް 25 މީހަކު ވަނީ ފައްސިވެފައެވެ. ހުޅުމީދޫގައި ހުންނަ އެމްޓީސީސީގެ ސައިޓަކުން ބިދޭސީންތަކެއް ކޮވިޑް-19 ފައްސިވުމާ ގުޅިގެން އެ ރަށުގައި ނެގި ވަކި ތަރުތީބެއް ނެގި 100 ސުންކުގެ ނަތީޖާ ވަނީ ނައްސިވެފައެވެ.

އެ ރަށުން ނެގި ސުންކުތައް ނައްސިވި ނަމަވެސް ހުޅުދޫ އާއި މީދޫ އަދިވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ.

އައްޑޫގައި އެންމެ ބޮޑުކޮށް މިހާރު ފެތުރެމުންދަނީ ސ. ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާއި ގުޅުން ހުރި ކޮވިޑް-19ގެ ވޭދަތަނެކެވެ. އެގޮތުން އެ އިހަލުން ކޮވިޑް-19 އަށް ފައްސިވި މީހުންނާ މީހުންގެ އަދަދު މިހާރު ވަނީ 34 އަށް އަރައިފައެވެ.

މި ދެ އިހަލުން ފައްސިވި މީހުންގެ އަދަދު މިވަގުތު ވަނީ 59 އަށް އަރައިފައެވެ.