ޏ. ފުވައްމުލައް ސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އިތުރު ތިން ވޭދަނައެއް އެސިޓީން ފެނިފައިވާ ކަމަށެވެ. މިއާއި އެކީ އެސިޓީން ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވަނީ 28 އަށް އަރާފައެވެ.

އެސިޓީން މިހާތަނަށް ޖުމްލަ 4،382 ސުންކު ނަގާފައިވާއިރު، އޭގެ ތެރެއިން 91 ސުންކު އަކީ މިއަދު ނަގާފައިވާ ސުންކު ތަކެވެ. މި ސުންކުތަކުގެ ތެރެއިން ނަތީޖާ ނުލިބި 144 ސުންކު އެބަ ހުރި ކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ.

މިހާތަނަށް ބަލި ޖެހިގެން 28 މީހަކަށް ފަރުވާ ދެމުން އަންނައިރު، އެ ސިޓީން ބަލި ޖެހުނު 7 މީހަކު ވަނީ ރަނގަޅުވެފައެވެ.

ފުވައްމުލަކުން ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެސިޓީގައި އަޅާފައެވެ. އޭގެ ތެރޭގައި ރޭގަނޑު 20:00 ފަތިހު 4:00 އަށް ބޭރުގައި އުޅުން މަނާކޮށް، އޮފީސްތަކާއި ސްކޫލްތަކުގެ އިތުރުން ފިހާރަ/ ރެސްޓޯރެންޓްތައްވެސް ވަނީ ބަންދު ކޮށްފައެވެ.

މި ފިޔަވަޅުތައް އަޅާފައިވާ މުއްދަތު ހަމަވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ އިތުރު 7 ދުވަހަށް އެ ފިޔަވަޅުތައް ދަންމަވާފައެވެ.

ފުވައްމުލަކުން ކޮވިޑް-19ގެ ވޭދަނަތައް ފެނުމާއި ގުޅިގެން މި މަހުގެ 9 ދުވަހުން ފެށިގެން އެސިޓީ އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު