ގއ. ދެއްވަދޫއިން ކޮވިޑް-19އަށް ފައްސިވެފައިވަނީ ކުޑަ ކުއްޖަކާއި އެކުއްޖާގެ މަންމަ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގް ވިދާޅުވީ، އިއްޔެ އެރަށުން ފައްސިވެފައިވަނީ އެއް އަހަރު ނުފުރޭ ކުއްޖަކާއި އެ ކުއްޖާގެ މަންމަ ކަމަށެވެ. ކުއްޖާއާއި މަންމަ ފައްސިވެފައިވަނީ ކަރަންޓީނުގައި ތިއްބާ ބަލިވެގެން ނެގި ސުންކުން ކަމަށްވެސް ތައުފީގް ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވީ، ފައްސި ވޭދަނަތަކާއި ގުޅިގެން މިވަގުތު އެރަށުން ވަކި ތަރުތީބެއް ނެތި 100 ސުންކު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ބެލި ބެލުމުން ގާތުން ބައްދަލުވެފައި ދެމީހަކު ތިބިކަން އެނގިފައިވާ ކަމަށެވެ. އެހެން ކަމުން އެމީހުންގެ ސުންކު ނަގާފައިވާ ކަމަށް ތައުފީގް ވިދާޅުވިއެވެ.

ދެއްވަދޫއިން ކޮވިޑް-19ގެ ދެ ވޭދަނަ ފެނުމާއި ގުޅިގެން މިވަގުތު އެރަށަށް އަރާ ފޭބުން ވަނީ އަނެއްކާވެސް މަނާ ކޮށްފައެވެ. މީގެ ކުރިންވެސް އެޗްޕީއޭއިން ވަނީ ޖެނުއަރީ މަހުގެ ތެރޭގައި އެރަށަށް އަރާ ފޭބުން މަނާ ކޮށްފައެވެ.

ދެއްވަދޫއަށް ކޮވިޑް-19 ފެތުރުނުކަން އެނގިގެން ގޮސްފައި ވަނީ ޑިސެންބަރު މަހު 24ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ފައްސިވި ފަހުންނެވެ. އެރަށުން ފަހުން ވަކި ތަރުތީބެއް ނެތި ސުންކު ނަގާފައި ވެއެވެ. އަދިއެރަށުން ގިނަބަޔަކު ފައްސިވެެސް ވެފައި ވެއެވެ.

ތައުފީގު ވަނީ މި ހާލަތުގައި ރަށުގެ ހުރިހާ ރައްޔިތުން އެޗްޕީއޭގެ އުސޫލުތަކަށް ބޯލަނބައިގެން އެއްބާރުލުން ދިނުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު