މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުންނާއި އިންޖީނިއަރުން ކުރިއަށް ގެންދިޔަ މުޒާހަރާ ހުއްޓާލުމަށްފަހު މަސައްކަތަށް ނުކުމެއްޖެއެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުންނާއި އިންޖީނިއަރުން ހަޅުތާލު ކޮށްފައިވަނީ ޗީޕް ޕައިލެޓް ކެޕްޓަން މުސްތަފާ މަންސޫރު ކުއްލި ގޮތަކަށް ޑިރެކްޓަރު އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ.

އެހެންވެ، މިއަދު ހެނދުނުން ފަށައިގެން މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތައް އޮތީ މެދުކެނޑިފައެވެ.

މޯލްޑިވިއަން އިން ކުރި ޓުވިޓެއްގައި ބުނީ، ސީޕްލޭންގެ ޕައިލެޓުން މިއަދު ކުރިއަށް ގެންދިޔަ އިހުތިޖާޖާއި ބެހޭ ގޮތުން މެނޭޖްމަންޓާއި ކަންކަން ހިއްސާކޮށް ކަންބޮޑުވުންފާޅު ކުރުމަށް ފަހު މަސައްކަތަށް ނުކުމެފައިވާ ކަމަށެވެ. ޕައިލެޓުން މަސައްކަތަށް ނުކުމެފައިވަނީ އެކަންކަން ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން މެނޭޖްމެންޓުން ދިނުމުންނެވެ.

"ޕައިލެޓުންގެ ފަރާތުންވަނީ ޙައްލުކުރަން ހުރިކަންކަން ޙައްލުކޮށްދިނުމަށް އެދިފައި. މެނޭޖްމަންޓުންވަނީ އެކަންބޮޑުވުންތައް އަޑުއަހާ ޙައްލުކުރަންހުރި ކަންކަން ޙައްލުކޮށްދޭނެ ކަމުގެ ޔަޤީންކަންދީފައި" މޯލްޑިވިއަންއިން ބުންޏެވެ.

ޕައިލެޓުންނާއި އިންޖިނިއަރުންގެ ފަރާތުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މިހާދަށް ފޮނުވި ސިޓީއެއްގައި ވަނީ ޗީފް ޕައިލެޓް މަންސޫރު މަގާމުން ވަކި ކުރުން ބަލައިނުގަނެވޭނެ ކަމަށެވެ. މުސްތަފާއަކީ ހުނަރު ހުރި، ޑިއުޓީ ބަރާބާރަށް އަދާކުރާ އެހެން މީހުންނަށް ނަމޫނާ ޕައިލެޓެއް ކަމަށެވެ. އަދި މަންސޫރަކީ ފަރުވާތެރިކަމާ އެކީގައި މަސައްކަތް ކުރަމުން އަންނަ ޕައިލެޓެއް ކަމަށް ވެސް އެ ސިޓީގައިވެއެވެ.

އެ ސިޓީގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މަންސޫރު ކުރި މަސައްކަތް ވެސް ފާހަގަކޮށްފައިވެއެވެ. ހާއްސަކޮށް، އިންޑިއާގައި ސީ ޕްލޭންގެ ހިދުމަތް ފެށުމުގެ މަސައްކަތުގައި ބައިވެރިވެ، ޗީފް ޕައިލެޓެއްގެ ގޮތުގައި މަންސޫރު ބައިވެރިވެފައިވާ ކަން ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދރދރ

    މުސްތަފާ މަންސޫރުތޯ ތިބޭފުޅުންނަށް މުސާރަދެނީ.
    ކުންފުނީގެ ޕައިލެޓުންތޯ ކުންފުނި ހިންގަނީވެސް.
    ތިއީދެން ބޮޑުވަރު.
    ކަލޭމެންނަށް ނުވަންޏާ ނުވާނެއޭ ބުނެފައި ގޮސް ގޭގައިތިބީމަ ނިމުނީ.
    ދުނިޔޭގައި މިހާރުވެސް ޕައިލެޓުން ގިނަވެގެން އުޅެނީ.
    ތެޅި ތެޅި ހުޅުނބުދާނީ. އެއްކަމެއްވެސް ނުކުރެވޭނެ.