އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާ މިރޭ ދަންވަންދެން ކުރިޔަށް ގެންދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ފަރަސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެއެވެ.

މުޒާހަރާގެ ތެރެއިން މީޑިއާކަށް ދިން އިންޓަވިއުއެއްގައި ސެމްބެ ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ އިސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް މުޒާހަރާ ނުހުއްޓާނެ ކަމަށެވެ. އަދި ފުލުހުން ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމަށް ކުރާ މަސައްކަތަށް އިދިކޮޅު މެމްބަރުން ނުސިހޭނެ ކަމަށް ވިދާޅުވިއެވެ.

"މިރޭ އިރުއޮއްސުނަސް މުޒާހަރާ ނުހުއްޓާނަން. ދަންވަންދެން މުޒާހަރާ ކުރިޔަށް ގެންދާނަން" ހުސައިން ލަތީފް ވިދާޅުވިއެވެ.

ސެމްބެ ވަނީ އިދިކޮޅު ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޕާޓީގެ އޮފީސް ބަންދުކޮށް، ޕާޓީ އޮފީހަށް ދާ މަގުތައް ބަންދުކުރުމަކީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕެއިންއަށް އެޅޭ ހުރަހެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މިހާތަނަށް 19 މީހަކު ހައްޔަރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޕީއެންސީގެ އިސް އެކްޓިވިސްޓް އަދި ލޯކަލް ކައުންސިލް އިންތިޚާބްގެ ކެނޑިޑޭޓް އަހުމަދު ނަރީޝް އާއި ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު އަދުނާން (ސްޕައިކަރ) ހިމެނެއެވެ.

މުޒާހަރާ ފަށާފައި ވަނީ އެ ކޯލިޝަންގެ އޮފީސް ކުރިމަތީގައެވެ. އެހެންނަމަވެސް އެ ސަރަހައްދު ފުލުހުން ބަންދުކުރުމާއި ގުޅިގެން މިހާރު މާލޭގެ ތިން ސަރަހައްދެއްގައި ކޯލިޝަންގެ މެމްބަރުން އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން މުޒާހަރާގެ ބައެއް ބައިވެރިން އަންނަނީ ގްރީން ޒޯންގައި ހިމެނޭ ސަރަހައްދަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރުމާ ގުޅިގެން އެ ކޯލިޝަންގެ ދެ ޕާޓީ ހިމެނޭ ކައުންސިލުން ވަނީ "ސީދާ ހަރަކާތަށް" ނުކުންނަށް ގަރާރެއް ފާސްކޮށްފައެވެ. އެއަށް ފަހު، ކޮންމެ ދުވަހަކުހެން އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ގެންދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެން ސީ ދައްތަ

    ކަލޯމެން ގޭގައިވީހާ ގިނަ އިރުވަން ދެން ތިބެ މުޒާހަރާ ޖައްސަން ލަފާ އަރުވަން

  2. އެމަންޖެ

    މުޒާހަރާ ކޮއްގެން މިސަރުކާރުން ކަމެއް ހާސިލެއް ނުކުރެވޭނެ.

    3
    8