ކޮވިޑް-19 ފެތުރެމުންދާތީ ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 08:00 ން ފަތިހު 04:00 ށް ހިންގަމުން އައި ކާފިއު ރޭ މެންދަމުން ފެށިގެން އުވާލާފައިވާކަމަށާއި ނަމަވެސް ފުވައްމުލަކުގެ މޮނިޓަރިންގެ މުއްދަތު މާޗް 15 އާއިހަމައަށް އިތުރުކޮށްފައިވާ ފުވައްމުލަކުގެ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުވައްމުލަކު ސިޓީގެ މޭޔަރ ފަލާހު ޝަރީފް ވިދާޅުވީ ރޭގަނޑު ގަޑީގައި އަމަލުކުރަމުން އައި ކާފިއު އުވާލިނަމަވެސް ދެން ހުރި ފިޔަވަޅުތައް އެގޮތުގައި ދެމި އޮންނާނެކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް ފުވައްމުލައް ސިޓީގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެފިޔަވަޅުތައް ދެ ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިހާރުވެސް އަމަލު ކުރަމުންދާނެ ފިޔަވަޅުތަކުގެ ތެރޭގައި ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން ހިމެނެއެވެ. އަދި އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުންވެސް ހުއްޓާލުމަށް އަންގާފައިވާއިރު، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަންވެސް ބަންދު ކުރުމަށް ވަނީ އަންގާފައެވެ.

ފުވައްމުލަކުގައި އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ހުރިހާ ކުޅިވަރު ޙަރަކާތްތަކާއި ކަސްރަތުގެ ޙަރަކާތްތައް ހުއްޓާލުމަށް އެންގުމާއި، ފިހާރަތަކާއި ޓެކްސީތަކުން ޚިދުމަތްދޭއިރު، އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް އެންގުން ހިމެނެއެވެ. ކޮވިޑާ ގުޅިގެން ފުވައްމުލަކު ސިޓީގެ ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި، ސުކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުންވެސް ވަނީ ހުއްޓާލުމަށް އަންގާފައެވެ.

ހޮޓާ ކެފޭ ރެސްޓޯރަންޓުތަކުންވެސް ޚިދުމަތް ދިނުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އޭގެ ތެރެއިން ޑެލިވަރީގެ ޚިދުމަތްތައް އިސްތިސްނާވާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ފުވައްމުލަކުގައި މިހާރު ކޮވިޑް ޖެހިފައި ތިބީ 17 މީހުންނެވެ. ޖުމްލަ 51 މީހަކު ފުވައްމުލަކުން ކޮވިޑަށް ފައްސިވިއެވެ. 34 މީހަކު ވަނީ މިބަލިން މިހާރު ރަނގަޅު ވެފައެވެ.

ފުވައްމުލަކުން އެންމެ ފަހުން މީހަކު ކޮވިޑަށް ފައްސިވީ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު