އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިރޭ ނޫސްވެރިންނާއި ވާހަކަދައްކަވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިރޭ ނޫސްވެރިންނާއި ވާހަކަދައްކަވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލާން ދިނުމަށް ނިންމާފައިވަނީ 10 ދުވަހުގެ މުއްދަތެއް ކަމަށެވެ.

އަދި އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަޅުގަނޑުމެން ހުޅުވާލާނީ، 15 ޖުލައި 2018 ގައި، އެއީ ޤާނޫނީ ގޮތުން އެކަމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ މުއްދަތުގެ އެންމެ ފަހު މުއްދަތެއް ނޫން." އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ނަންބަރު ދީ، ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުން އޮންނާނީ 2018 އޮގަސްޓް ނުވަ ވަނަ ދުވަހު ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އޮގަސްޓް ނުވަޔަކުން ފެށިގެން ކެމްޕެއިން ކުރުމުގެ ފުރުޞަތު ހުޅުވާލައްވާނެ ކަމަށާއި، ކެމްޕެއިން ކުރުމުގެ ޤާނޫނާއި ގައިޑްލައިންތަށް މިހާރުވެސް އާއްމު ކުރެވިފައި ހުންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު 2018 ޖޫން 10 ވާ އާދީއްތަ ދުވަހު އިއުލާނު ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ވުމުގެ (ރީރެޖިސްޓްރީވުމުގެ) ފުރުޞަތު 2018 ޖުލައި 17 އިން އޮގަސްޓް 19 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި ކެންޑިޑޭޓުންގެ މަންދޫބުން ސޮއި ކުރުމުގެ ފުރުޞަތު 2018 އޮގަސްޓް 31 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ދޭނެކަމަށްވެސް އީސީން ވިދާޅުވިއެވެ.

މި އިންތިޚާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ވޯޓު ފޮށިތަށް ބަހައްޓާނެ ތަންތަން ސާރވޭ ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުން ގެންދާއިރު، ވޯޓު ލުމަށް މަދުވެގެން 100 މީހުން ރަޖިސްޓްރީ ވާ ކޮންމެ ރިސޯޓެއް، ސިނާއީ ރަށެއް، ޖަލެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. މީގެ އިތުރުން ވޭތުވެދިޔަ އިންތިޚާބު ތަކުގައި ވޯޓު ފޮށީ ބެހެއްޓި ހުރިހާ ޤާއުމުތަކާއި އިތުރު ޤައުމު ތަކުގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް މަސައްކަތް ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމުގެ ފުރުޞަތު އާއްމުކޮށް ހުރިހާ ފަރާތްތަކަކަށް ހުޅުވާލައްވާނެ ކަމަށާއި، 8 ޤައުމެއްގެ އިންތިޚާބާއި ބެހޭ މަރުކަޒުތަކަށް ހާއްޞަ ދައުވަތު ދެއްވާނެ ކަމަށް އަދި އީޔޫ އާއި އޯއައިސީ އަށް އިންތިހާބު އޮބްޒާވް ކުރުމަށް ފުރުސަތު ދޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް 107 ދުވަހަށް ވެފައިވާއިރު، މި އިންތިޚާބުގައި ވާދަ ކުރައްވާނެކަން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި، އުމަރު ނަސީރު ވަނީ އިއުލާނު ކުރައްވާފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޤާސިމް އިބްރާހިމްވެސް އިންތިޚާބުގައި ވާދަ ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޅުގަނޑު 2018 އިންތިޚާބު ގައި ވާދަ ކުރަން ނިންމާފައި