ރޭގެ ވަގުތެއްގައި އައްޑޫސިޓީގައި ވަޅިން ހަމަލާދީ ޒަހަމް ކޮށްލި ޒުވާނާގެ ހާލު ރަނގަޅު ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.

ރޭ އައްޑޫގައި ދެ މާރާމާރީއެއް ހިނގާފައިވާއިރު، މި މާރާމާރީގައި ޒަހަމްތަކެއް ލިބިފައިވަނީ އުމުރުން 20 އަހަރުގެ މީހަކަށާއި 26 އަހަރުގެ މީހަކަށެވެ. އެތަނުން 20 އަހަރުގެ މީހާއަށް ރޭ ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އިތުބާރު ހިފޭ ފަރާތަކުން ބުނެފައިވަނީ މާރާމާރީގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ 26 އަހަރު ޒުވާނާއަށް ކަމަށެވެ. އެ ޒުވާނާއަކީ މަރަދޫއަށް ނިސްބަތްވާ ޒުވާނެކެވެ.

އޭއީއެޗްގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، އެ ޒުވާނާގެ މެޔަށް ވަޅި ހަރާފައިވާ ކަމަށާއި އެހެން ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށާއި ވޯޑަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

މި މާރާމާރީއާއި ގުޅިގެން ފުލުހުން ވިދާޅުވީ ފޭދޫގައި ހިނގި މާރާމާރިއެއްގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ މައްސަލައެއް ރޭ 23:45 ކަންހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި 23:30 ގައި ހިތަދޫގައި ހިނގި މާރާމާރިއެއްގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ މައްސަލައެއްވެސް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރޭ އައްޑޫގައި މާރާމާރީއެއް ހިނގާފައިވާއިރު، މިދިޔަ ހުކުރު ވިލޭރޭ ވެސް ދެމާރާމާރީއެއް އައްޑޫގައި ވަނީ ހިނގާފައެވެ.

ސިލްސިލާކޮށް ހިނގަމުންދާ މާރާމާރީތަކާއި ގުޅިގެން ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.