ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، ކޮވިޑް-19އަށް ފައްސި ވެވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މެސެޖެއް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވެވި މި މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުން އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވިއެވެ.

އަދި މުޅި ދުނިޔަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އަމާޒު ހިފައިގެން ކުރަމުންގެންދާ މަސައްކަތުގައި ޕާކިސްތާނު ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޕާކިސްތާނާއި ރާއްޖޭގެ ރަހުމަތްތެރި ގުޅުން އެގޮތުގައި ދެމި އޮންނާނެ ކަމަށާއި އަދި ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.